އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ޓެކުހުގެ އާމްދަނީގެ ގޮތުގައި 33.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފިއެވެ.
މި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޓެކުހުގެ ޤާނޫނުތަކަށް ގެންނަ އިސްލާހުތަކުގެ ސަބަބުންނެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިޔަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން އާމްދަނީއާއި ހިލޭ އެހީގެ ތެރެއިން ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 33.6 ބިލިޔަން ރުފިޔާއެވެ.
އަންނަ އަހަރުގެ ތެރޭގައި ޓެކްސް އާމްދަނީ އިތުރުވާނެ ސަބަބެއްގެ ގޮތުގައި ޓެކުހުގެ ޤާނޫނުތަކަށް ގެންނަ އިސްލާހުތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު 18 އޮކްޓޫބަރ 2026ގައި ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށައަޅާފައެވެ. މިއާއެކު 19 އޮކްޓޫބަރ 2026 ގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހުތަކާއެކު ޢާމްދަނީން ނަގާ ޓެކުހުން ލިބޭ އާމްދަނީ 495.3 މިލިޔަން ރުފިޔާ އިތުރަށް ލިބޭނެކަމަށް މީރާއިން ލަފާކުރެއެވެ. މި އިސްލާހަށް އަމަލުކުރަން ފެށުމަށް ބަޔާންކޮށްފައިވަނީ 1 ޖަނަވަރީ 2027އިން ފެށިގެންނެވެ.



