މިދިޔަ އޮކްޓޫބަރު މަހު ރިޓަޔަރމަންޓް ޕެންޝަން ސްކީމުން 2،000 އަށްވުރެ ގިނަ މެންބަރުންނަށް 14.84 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކޮށްފިއެވެ.
ޕެންޝަން އޮފީހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އިން އޮކްޓޫބަރު މަހު ވަނީ 2،773 މީހުންނަށް ފައިސާ ދޫކޮށްފައެވެ.
މިއީ މުވައްޒަފުންނާއި ވަޒީފާދޭ ފަރާތްތަކުން މަހުން މަހަށް ޖަމާކުރާ ފައިސާގެ މައްޗަށް ބިނާވެފައިވާ، ވަޒީފާއިން މުސްކުޅިކުރާ އުމުރުގައި މާލީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި އާމްދަނީއެއް ކަށަވަރުކޮށްދިނުމަށް ހިންގާ ސްކީމެކެވެ.
ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ދެ ބައެއްގެ މައްޗަށެވެ. އެއީ ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދޮށީ އުމުރުގެ ރައްޔިތުން ފަގީރުކަމުން ރައްކާތެރިކުރުމަށް ދެމުން އަންނަ އަސާސީ ޕެންޝަނެވެ. މީގެއިތުރުން، ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް ދެވޭ ޚާއްސަ އިނާޔަތްތަކާއި، ދައުލަތުގެ އެހެނިހެން ރިޓަޔަރމަންޓް ޕެންޝަންތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތުވެސް އަދާކުރަނީ ޕެންޝަން އޮފީހުންނެވެ.
އަސާސީ ޕެންޝަނުގެ ގޮތުގައި މިދިޔަ މަހު ވަނީ 27،420 މީހުންނަށް ޖުމްލަ 128.98 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. މިއީ ދޮށީ އުމުރުގެ މީހުންނަށް އެކަށޭނަ އަސާސީ އާމްދަނީއެއް ކަށަވަރުކޮށްދިނުމަށް ދައުލަތުން ފޯރުކޮށްދޭ އިޖުތިމާއީ ރައްކާތެރިކަމުގެ އިނާޔަތެކެވެ.
ހަމައެއާއެކު، ދައުލަތުގެ މުއައްސަސާތަކުގައި 20 އަހަރާއި 40 އަހަރާ ދެމެދުގެ މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޫކުރާ ދިގު މުއްދަތުގެ ޚިދުމަތުގެ ޕެންޝަންގެ ގޮތުގައި، 2،198 މީހުންނަށް 4.30 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މީގެއިތުރުން، ދައުލަތުގެ އެކި މުއައްސަސާތަކާއި ޔުނިފޯމް އެޅި ޚިދުމަތްތަކުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންފައިވާ ޝަރުތުހަމަވާ 4،847 މުވައްޒަފަކަށް، ދައުލަތުގެ އެހެނިހެން ޕެންޝަންގެ ގޮތުގައި 26.06 މިލިޔަން ރުފިޔާ މިދިޔަ މަހު ވަނީ ދޫކޮށްފައެވެ.


