ހުޅުމާލެ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާއަށް އެޓެންޑުވުމަށް ފުލުހުންނާއި ސިފައިން ސީނަށް ދިޔައިރުވެސް އަލިފާންގަނޑު ވަނީ ނިއްވާލާފައި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މިއަދު ހެނދުނު 10:00 އެހައިކަންހާއިރު ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުންނާއި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ސީންއަށް އެޓެންޑްވިއިރު ވެސް އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.
މި ހާދިސާގައި އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނީ އެ ކެފޭގައި މަސައްކަތްކުރާ 4 ބިދޭސީންނަށެވެ. މި ހާދިސާގައި ކެފޭގައި ތިބި އެއްވެސް ކަސްޓަމަރަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ކެފޭގެ އިމާރާތަށާއި ބަދިގޭގައި ހުރި އެއްވެސް މުދަލަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ނަމަވެސް ބާރު އަޑެއް އިވުމާއެކު ކަސްޓަމަރުން ބޭރަށް ނުކުންނަން އުޅުމުގެ ތެރޭގައި ކެފޭގެ ބައެއް ތަށިތައް ވެއްޓި ތަޅައިގެންގޮސްފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ އިތުރަށް ބަލަމުންނެވެ.




