މާލޭގެ ދޫހިމެރި މަގު ސަރަހައްދުގައި އުޅޭ ރައްޔިތުންނަށާއި އެ މަގުތަކުން ދަތުރުކުރާ އާންމުންނަށް ތަކުރާރުކޮށް އުނދަގޫ ކުރާ މައްސަލާގައި ހައްޔަރުކުރި އަޙްމަދު ފައިރިޝް ފަރުވާއަށް ހިންމަފުށީ ޑްރަގް ސެންޓަރަށް ގެންގޮސް ހުއްޓައި ފިލައިގެން އުޅެނިކޮށް މިއަދު ހައްޔަރުކޮށްފިއެވެ.
ފައިރިޝް ހައްޔަރުކުރިކަން ޔަގީންކޮށްދެމުން ފުލުހުން މިއަދު ބުނީ، ފަރުވާއަށް ހިންމަފުށި އެންޑީއޭގެ ސެންޓަރަށް ބަދަލުކޮށް އެންޑީއޭގެ ބެލުމުގެ ދަށުގައި ހުއްޓައި އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ފައިރިޝް ފިލާފައިވާކަމަށާއި، ނަމަވެސް އޭނާ މާލެއިން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ މާލެ އައީ ކިހިނެތް ކަމެއް ނޭންގެ ކަމަށް ފުލުހުން ބުންޏެވެ.
މިމަހުގެ 17ވަނަ ދުވަހު ފައިރިޝް ހައްޔަރުކޮށްފައި ވަނީ، އޭނާގެ ފަރާތުން ލިބެމުންދާ ގޯނާތަކާއި އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެދި އަނިޔާ ލިބޭ އާއިލާއަކަށް ނިސްބަތްވާ އާންމު ރައްޔިތަކު ފުލުސް އޮފީހަށް ގޮސް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރުމާއި ގުޅިގެންނެވެ.
ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު ފައިރިޝްގެ ފަރާތުން އެ ސަރަހައްދުގެ މީހުންނަށް އިންތިހާއަށް އުނދަގޫތައް ވަނީ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި މަގުންދާ މީހުންނާ ދިމާލަށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔުމާއި، ޕްލާސްޓިކް ފުޅިން މީހުންގެ ގައިގައި ތެޅުމާއި، މަގުމައްޗަށް ސައިކަލުތައް ވައްޓައިގެންނާއި ބޯޑުތައް ދަމައިގެން މަގު ބަންދުކުރުން ހިމެނެއެވެ.
މީގެއިތުރުން، އެ ސަރަހައްދުގެ ގެއަކަށް ކުނިއެޅުމާއި، ބެލްކަނީގައި ހުރެ މަގުމަތިންދާ މީހުންގެ ގަޔަށް ފެނާއި ތެޔޮ އުކުމުގެ އިތުރުން، ދަންވަރުން ފެށިގެން ފަތިސް ވަންދެން ހަޅޭއްލަވައި އަޑުގަދަކުރުމާއި، ހުއްދައަކާ ނުލައި މީހުންގެ އިމާރާތްތަކަށް ވަދެގަތުން ފަދަ ނުރައްކާތެރި އެތައް އަމަލެއް ފައިރިޝް ހިންގާފައިވެއެވެ.



