ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ރ. މާކުރަތު ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި މާކުރަތު ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކައުންސިލްގެ ރައީސް ޢަބްދުﷲ މާހިރާއި، ނައިބު ރައީސް އިސްމާޢީލް ޢާރިފްގެ އިތުރުން ސީނިއަރ ކައުންސިލް އޮފިސަރ ސަލްވާ މަޙްމޫދެވެ.
ފުލުހުން ބުނިގޮތުގައި، މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނީ، ރަށު ތެރޭގައި ހިންގާ ކުށްތައް ހުއްޓުވުމަށާއި، މިހާރަށްވުރެ ބޮޑަށް އަމާން، ރައްކާތެރި މާހައުލެއް މާކުރަތުގައި ގާއިމުކުރުމަށް ކައުންސިލާއި ފުލުހުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ.
އަދި ރަށުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާއި ކައުންސިލާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.




