ރަސްމާލެ ތަރައްގީކުރަން އަބޫދާބީގެ އީގަލް ހިލްސްއަށް 99 އަހަރަށް ދިނުމަށް މި ސަރުކާރުން ނިންމާފައިވާ ނިންމުމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް އަދި މިހާރު އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ރޭގައި ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމުގެ ކުރިން އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިނުކުރުމަށް ގޮވާލައި ހުށަހެޅި ގަރާރަކަށް ބަހުސްކުރުމަށް ރޭގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ގަރާރު ހުށަހަޅައިދެއްވީ ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު އެވެ. ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއާމެދު ދެކޭ ގޮތް ބެލުމަށް އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި، އެފަދަ ވޯޓަކަށް ސަރުކާރުން އެއްބަސްނުވެއްޖެ ނަމަ އެ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.
ނަމަވެސް ރައީސް ނަޝީދު ވަނީ ރަސްމާލޭގެ މަޝްރޫއަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފައެވެ.
”އަޅުގަނޑު މި ޕްރޮޖެކްޓަށް ފުރުހަމައަށް ތާއީދު ކުރަން،“ ނަޝީދު ވިދާޅުވިއެވެ.



