ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުންދާތީ މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ދަނިކޮށް، ފުލުހުންގެ ބެރިކޭޑެއްގައި ޖެހި އެކްސިޑެންޓުވި މީހެއް ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ފެނިއްޖެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކުރީ ނ. ވެލިދޫ، ރަންފަސް / އިބްރާހިމް އަޒުލިފް ހުސެއިން (30އ.) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުނަށް ކޯޓުން ވަނީ އަމުތުކޮށްފައެވެ.
އޭނާ ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ހައިވޭގައި ދުއްވާފައި ދާ މަންޒަރު ފުލުހުންނަށް ފެނިގެން މަޑުކުރަން އެންގި ކަމަށް ބަންދު އަމުރުގައިވެއެވެ. އެކަމަކު މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ދަނިކޮށް ފުލުހުންގެ ބެރިކޭޑުގައި ޖެހި އެކްސިޑެންޓުވީ އެވެ. އެކްސިޑެންޓުވުމުން އޭނާ ޗެކްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 8 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.
އޭނާ ވަނީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އެއްބަސްވެފައި ކަމަށް ވެސް އަމުރުގައިވެއެވެ.



