މުސާރަ ކުޑަވުމާއި ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް އުފުލުމާ ގުޅިގެން، ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކާރުޚާނާތަކުގެ އެތައް ހާސް މުވައްޒަފުންނެއް މަގުތަކަށް ނުކުމެ ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގެ ސަބަބުން، އެ ޤައުމުގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ އަންނައުނު އުފެއްދުމުގެ ސިނާއަތް ހުއްޓުމަކަށް އަތުވެއްޖެއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވެރިރަށް ޑާކާގެ މިރްޕޫރުގެ އިތުރުން ސަވަރު، އަޝުލިއާ، އަދި ޣާޒީޕޫރު ފަދަ ސިނާއީ މައި ސަރަހައްދުތަކުގައި މި މުޒާހަރާތައް ކުރިއަށްދާތާ 3 ދުވަސް ވެފައިވާއިރު، އެ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ.
މުޒާހަރާތަކާ ގުޅިގެން މިހާތަނަށް 500 އަށްވުރެ ގިނަ ކާރުޚާނާ ވަގުތީ ގޮތުން ބަންދުކުރަން މަޖުބޫރުވެފައިވާއިރު، މަގުތަކަށް ނުކުމެ ތިބި މީހުން ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުން ވަނީ ކަރުނަގޭހާއި އަޑުގަދަ ބޮން (ސްޓަން ގްރެނޭޑް) ބޭނުންކޮށްފައެވެ.
މި މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން ބަންގްލަދޭޝް ސަރުކާރުން އިސްނަގައިގެން ކުއްލި ބައްދަލުވުމެއް ބާއްވާފައިވާއިރު، އެންމެ ކުޑަމިނުން ދެވޭ އުޖޫރަ (މިނިމަމް ވޭޖް) އަލުން މުރާޖަޢާ ކުރުމަށްޓަކައި އައު ބޯޑެއް ވަނީ އެކުލަވާލާފައެވެ.
މިހާރު އެ ސިނާއަތުގެ މުވައްޒަފުންނަށް މަހަކު ލިބެމުންދަނީ 12,500 ޓަކާ (ގާތްގަނޑަކަށް 101 އެމެރިކާ ޑޮލަރު) އެވެ. ނަމަވެސް، މުޒާހަރާގެ ބައިވެރިން އެދެމުންދަނީ އެ އަދަދު ދެގުނައަށްވުރެ ބޮޑުކޮށް، މަހަކު މަދުވެގެން 30,000 ޓަކާ (ގާތްގަނޑަކަށް 242 އެމެރިކާ ޑޮލަރު) އަށް މަތިކޮށްދިނުމަށެވެ. އަހަރަކު 38 ބިލިޔަން ޑޮލަރުގެއާމްދަނީއެއް ހޯދައިދޭ މި ސިނާއަތަކީ ޤައުމުގެ އެކްސްޕޯޓާއި ވަޒީފާގެ ބާޒާރުގެ އެންމެ މުހިންމު ބިންގާ ކަމުގައި ވީނަމަވެސް، މިހާރު ލިބޭ މުސާރައިން އަސާސީ ދިރިއުޅުމުގެ ހަރަދުތައް ދެކޮޅުނުޖެއްސޭ ކަމަށް މަސައްކަތްތެރިން ބުނެއެވެ.
މި ކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބަންގްލަދޭޝް އަންނައުނު އަދި ކާރުޚާނާ ތަކުގެ މަސަކަތްތެރިންގެ ފެޑެރޭޝަންގެ ސެކްރެޓަރީ ޖެނެރަލް ބާބުލް އަޚްތަރު ވިދާޅުވީ، ފެކްޓަރީތަކުގެ ވެރިން މަސައްކަތްކުރަނީ މުވައްޒަފުންނަށް ހައްޤުވާ އެކަށީގެންވާ މުސާރަ ނުދީ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ގަންނަ ފަރާތްތަކާ ވާހަކަދައްކައިގެން އުފެއްދުންތަކަށް ރަނގަޅު އަގެއް ހޯދުމަކީ ވެރިންގެ ޒިންމާއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބަންގްލަދޭޝްގެ އަންނައުނު އުފެއްދުމާއި އެކްސްޕޯޓްކުރާ އެސޯސިއޭޝަން (ބީޖީއެމްއީއޭ) ގެ ރައީސް މަޙްމޫދު ޙަސަން ޚާން ވިދާޅުވީ، ސަރުކާރުން މައްސަލަ ދިރާސާކުރާނެ ބޯޑެއް އެކުލަވާލާފައިވާތީ މުވައްޒަފުން އެކަމަށް ފުރުސަތު ދޭންޖެހޭނެ ކަމަށެވެ.
އަދި މަސައްކަތް މެދުކަނޑާލައި މިފަދަ މުޒާހަރާތައް ކުރިއަށްގެންދާނަމަ، މަސައްކަތް ނުކުރާނަމަ އުޖޫރައެއް ނުދެވޭނެ އުސޫލު އިޚްތިޔާރުކުރަން ޖެހިދާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.




