މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ ހަފުތާގައި އެކަނިވެސް 1958 ކޮންޓެއިނަރު ކްލިއާ ކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މި މުއްދަތުގައި ކްލިއާކުރި މުދަލުގެ ތެރޭގައި އެންމެ ގިނައީ އާންމުކޮށް ބޭނުންކުރާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކެވެ.
އެމްޕީއެލުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގައި ކްލިއާކުރި ކޮންޓެއިނަރުތަކުގެ ތެރޭގައި ހިމެނެނީ ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 1472 ކޮންޓެއިނަރާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 486 ކޮންސައިންމަންޓެވެ.
މި މުއްދަތުގައި ޖުމްލަ 41،959.34 ފްރައިޓު ޓަނުގެ މުދާ ވަނީ ކްލިއާ ކޮށްފައެވެ. އޭގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ކްލިއާކުރި 39،051.74 ފްރައިޓު ޓަނާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ކްލިއާކުރި 2907.6 ފްރައިޓު ޓަނުގެ މުދާ ހިމެނެއެވެ.
މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި ކޮންޓެއިނަރު އުފުލާ 2 ބޯޓަކާއި އާންމު މުދާ އުފުލާ 5 ބޯޓު ވަނީ ބަނދަރަށް ކައިރިކޮށްފައެވެ. އަދި މި މުއްދަތުގައި ކޮންޓެއިނަރު އުފުލާ 4 ބޯޓާއި އާންމު މުދާ އުފުލާ 8 ބޯޓު ވަނީ މުދާ ބޭލުމަށްފަހު ފުރާފައެވެ. މީގެއިތުރުން، ބަނދަރުން 1،176 ކޮންޓެއިނަރު ބޭލިއިރު، 1،963 ކޮންޓެއިނަރު ވަނީ އަނބުރާ ބޭރުކޮށްފައެވެ. އެހެންކަމުން ޖުމްލަ ކޮންޓެއިނަރު އޮޕަރޭޝަންގެ އަދަދު އުޅެނީ 3،139 ގައެވެ.
ހަލާކުވާ ޒާތުގެ މުދަލުގެ ތެރެއިން މޭވާއާއި ތަރުކާރީ ހިމެނޭހެން 67،869 ޕެކޭޖު މިދިޔަ ހަފުތާގައި ވަނީ ކްލިއާ ކޮށްފައެވެ. މީގެ ތެރޭގައި އެންމެ ގިނައިން ހިމެނޭ އަސާސީ ބާވަތްތަކަކީ:
- ބިސް: 16،278 ކޭސް
- ފިޔާ: 11،519 ބަސްތާ
- ކަރާ: 9،133 ކޭސް
- އަލުވި: 6،556 ބަސްތާ
- ޓޮމާޓޯ: 6،173 ކޭސް
މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ޕޯޓްގެ ޚިދުމަތްތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި އެ ބަނދަރު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފެށުމެވެ.


