ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދުން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މީސް މީޑިއާ މެދުވެެރިކޮށް ނަޞްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފަޚުރުވެރި ދިވެހި ސިފައިންނާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި އަޅުގަނޑުމެންގެ މި ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމަށެވެ.
ޝަހީދުންގެ ދުވަހާ ގުޅޭ ލަވައެއްގެ ބައެއް ޙިއްސާކުރައްވައި ކުރެއްވި މި ޕޯސްޓުގައި ރައީސް ވަނީ މި ލޮބުވެތި ޤައުމުގެ ދިފާއުގައި ޝަހީދުވެގެންދިޔަ އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުންއެދި ދުޢާކުރައްވާފައެވެ.



