އަޅުގަނޑުމެން އެންމެން ވެސް ވާންޖެހޭނީ ގައުމުގެ ދުޝްމަނުންނާއި ޚާއިނުންގެ ނުބައި ރޭވުންތަކުން މި ގައުމު ސަލާމަތްކުރުމުގައި އެއްބައިވަންތަކަމާ އެކު މަސައްކަތްކުރާ، ދީނާއި ގައުމުދެކެ ލޯބިވާ ބަޔަކަށް ކަމަށް ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާ، މެދުވެރިކޮށް ދެއްވި ޚާއްސަ މެސެޖެއްގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ، 3 ނޮވެމްބަރު 1988 އަކީ ބޭރުގެ ނިރުބަވެރި ޖަމާޢަތަކާއި ދިވެހިންގެ މަދު ބަޔަކު ގުޅިގެން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލުމަށް ވަރަށް ނުރައްކާތެރި ހަމަލާއެއް ދިން ދުވަހެއް ކަމަށެވެ.
އެ ދުވަހަކީ ބިރުވެރިކަމާއި ނާމާންކަމުން މުޅި ޖައްވު ބަނަކޮށްލި އަދި ދިވެހިންގެ ލޯތަކުން ކަރުނަ އޮހޮރުވި ބިރުވެރި ދުވަހެއްކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
”މިއަދު ނަސްރުގެ ދުވަސް ފާހަގަކުރަމުން ގެންދާއިރު، މިއަދު އަޅުގަނޑުމެން ވެސް ވާންޖެހޭނީ ގައުމުގެ ދުސްމަނުންނާއި ޚާއިނުންގެ ނުބައި ރޭވުންތަކުން ގައުމު ސަލާމަތް ކުރަން އެއްބައިވަންތަކަމާއި އެކު މަސައްކަތްކުރާ ބަޔަކަށް“ ޙަސަން ރަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އެ ދުވަހަކީ ދުސްމަނުންގެ ރަޙުމެއް ނެތް ހަމަލާތަކުގައި ކުށެއް ނެތް 19 ދިވެހިން ޝަހީދުކޮށް، އެތައް ބަޔަކު ޒަޚަމްކޮށްލި ހިތާމަވެރި ދުވަހެކެވެ.




