މަހު މުސާރައަށް 15،500 ރުފިޔާ ދޭގޮތަށް، ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ހުޅުވާލައިފިއެވެ.
އެގޮތުން ފުލުހުން އިއުލާނު ކޮށްފައިވަނީ ކޮންސްޓަބަލްގެ ވަޒީފާއަށް މީހުން ހޯދާށެވެ. އެ މަގާމުގެ އަސާސީ މުސާރައަކީ 8،990 ރުފިޔާއެވެ. އަދި މަގާމުގެ އެލަވަންސްގެ ގޮތުގައިދޭ 6،510 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ފުލުހުންގެ ވަޒީފާގެ ގަވާއިދުގައިވާ ގޮތުގެމަތިން، އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތަކާއި ކެއުމާއި ބޭސްފަރުވާ ވެސް ދޭނެއެވެ.
ނަމަވެސް މި މަގާމަށް ފުލުހުން ހޯދަނީ ކިތައް މީހުންކަމެއް ފުލުހުން އިއުލާނުކޮށްފައެއް ނުވެއެވެ.
ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 10 ނިންމާފައިވުމާއި އުމުރުން 18-35 އަހަރާ ދެމެދުގެ މީހަކަށްވުން ހިމެނެ އެވެ. ފިރިހެނެއް ނަމަ އިސްކޮޅުގައި 5 ފޫޓް 5 އިންޗި، އަންހެނެއް ނަމަ 5 ފޫޓު ދެ އިންޗި ހަމަވާން ޖެހޭނެ ކަމަށް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
ވަޒީފާއަށް މީހުން ހޮވުމުގައި ބެލޭނެ އަދި އިސްކަންދޭނެ ކަންތައްތައް:
° އެސެސްމެންޓް ނުވަތަ ޓެސްޓްތަކުން ފާސްވުން
– ބެކްގްރައުންޑް އެސެސްމެންޓް
– ފިޒިކަލް ފިޓްނަސް ޓެސްޓް
– ފެތުމުގެ ޓެސްޓް
– އެޕްޓިޓިއުޑް ޓެސްޓް
– އިންޓަވިއު
– މެޑިކަލް އެގްޒަމިނޭޝަން
° ފުލުހުންގެ ވަޒީފާގެ ގަވާއިދުގައި ފުލުހުންގެ މަގާމަށް މީހުން ރެކްރޫޓުކުރުމުގައި ބެލުމަށް ކަނޑައަޅާފައިވާ ކަންކަމަށް ބަލާނެ
° ޓެސްޓްތަކުން މަތީ ނަތީޖާ ހޯދާ މީހުންނަށް އިސްކަންދޭނެ
އަތޮޅުތެރޭގައި ގާއިމްކުރެވިފައިވާ ފުލުހުންގެ މަރުކަޒުތަކުގެ ތެރެއިން ފުލުހުން ކަނޑައަޅާ މަރުކަޒުތަކުގައި މަސައްކަތްކުރެވޭނެ މީހުންނަށް އިސްކަންދޭނެ
ފުލުހުންގެ މި ވަޒީފާއަށް މީހުން ހޮވުމުގައި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދޭ އެޕްޓިޓިއުޓް ޓެސްޓުން ފާސްވުމާއި ހަށިހެޔޮކަން ދެނެގަތުމަށް ދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުމުގެ އިތުރުން މެޑިކަލް އެގްޒަމިނޭޝަނަށް ބަލާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވަޒީފާ އަށް އެދި ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 15 ވަނަ ދުވަހެވެ. ފޯމު ހުށަހަޅާނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށެވެ. އެހެން ރަށަކުން ނަމަ ފޯމު ހުށަހަޅާނީ އެ އަތޮޅެއްގައި ގާއިމްކޮށްފައިވާ ފުލުހުންގެ މަރުކަޒުތަކުގެ ރިސެޕްޝަނަށެވެ.




