ނަޞްރުގެ ދުވަހަކީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ސާބިތުވެގެންދާ ދުވަހެއްކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިފަދައިން ވިދާޅުވީ، ރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ، ނަޞްރުގެ ދުވަހަކީ ދިވެހި ރައްޔިތުންގެ ޤައުމީ ލޯތްބާއި ޤައުމީ ޝުޢޫރުތައް އުތުރިއަރާ ދުވަހެއް ކަމަށާއި، މިއީ ދިވެހިންގެ ހިތްވަރާއި ފަންވަރު އެންމެ ފުރިހަމަ ގޮތުގައި ވިދާ ބަބުޅާ ދުވަހެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރަކީ މީގެ 38 އަހަރު ކުރިން ދިވެހި ރައްޔިތުން މުޅި ދުނިޔެއަށް ސާބިތުކޮށްދެއްވާފައިވާ ޙަޤީޤަތްތަކެއްކަން ވެސް ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.
ނަޞްރުގެ ދުވަހުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށް ފޮނުއްވަމުން ރައީސް މައުމޫން ވަނީ ފުރިހަމަ މިނިވަން މުސްލިމް ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އަބަދަށްޓަކައި ލެހެއްޓެވުން އެދިވަޑައިގެން ދުޢާ ދަންނަވާފައެވެ.
ދިވެހިރާއްޖޭގައި ނަޞްރުގެ ދުވަސް ފާހަގަކުރަނީ 3 ނޮވެންބަރު 1988 ގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ދެކޮޅަށް، އެ ދުވަހު ދިވެހި ސިފައިން ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި ކުރެއްވި މަތިވެރި ޖިހާދާއި ޤައުމަށް ހޯއްދަވައިދެއްވި ފަޚުރުވެރި ނަޞްރުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. އެ ޢުދުވާނުގައި ސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 މީހުން ހިމެނޭހެން 19 ދިވެހިން ވަނީ ޝަހީދުވެފައެވެ.
އެ ދުވަހު ކުރިމަތިވި ނުރައްކާތެރި ހާދިސާއާ ގުޅިގެން، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާއި ސިފައިންގެ އިސްވެރިން ވަނީ ދިވެހިރާއްޖެ މި ޢުދުވާނުން ސަލާމަތްކުރެއްވުމަށްޓަކައި ބޭރު ޤައުމުތަކުގެ އެހީތެރިކަން ހޯއްދެވުމުގައި ވަރަށް މުހިންމު އަދި ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.




