މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ 2 ޑިރެކްޓަރުންގެ ތެރެއިން ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.
މި މަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 24 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، ކުންފުނީގެ ހިންގާ ޤަވާއިދުގެ 57 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުންނާއި މިހާރުގެ ހިއްސާގެ ނިސްބަތަށް ބަލާއިރު، ސަރުކާރުގެ ފަރާތުން ބޯޑަށް 5 ޑިރެކްޓަރުން ކަނޑައަޅާއިރު، އާންމު ހިއްސާދާރުންގެ ފަރާތުން 2 ޑިރެކްޓަރުން އިންތިޚާބުކުރަން ޖެހެއެވެ. މީގެ އިތުރުން، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބާރުއަޅާ ފަދައިން، ބޯޑުގެ މި މަޤާމަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލެއްވުމަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފައެވެ.
ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، އުމުރުން 30 އަހަރު ފުރިފައިވުމުގެ އިތުރުން ކުންފުނީގެ ހިއްސާދާރެއް ކަމުގައިވުން ނުވަތަ ހިއްސާދާރު ކުންފުންޏަކުން ނޮމިނޭޓްކުރާ ފަރާތަކަށް ވާންޖެހެއެވެ. އަދި އެޕްލިކޭޝަނާއެކު ހުށަހަޅާ ރިކޯޑު ބަލާ ފޯމު ސާފުވުމާއި، ވިޔަފާރިއަށް އަހުލުވެރިވުމާއި، މާލީ ރިޕޯޓުތައް ދިރާސާކުރުމުގެ ޤާބިލުކަން ހުރުމުގެ އިތުރުން ބޯޑުގެ ބައްދަލުވުންތަކަށާއި ކުންފުނީގެ ކަންކަމަށް އެކަށީގެންވާ ވަގުތު ދެވޭ ފަރާތަކަށް ވާންޖެހެއެވެ.
މީގެ އިތުރުން ބަނގުރޫޓުވެފައިވާ ކަމަށް ކޯޓަކުން ކަނޑައަޅާފައިވާ ފަރާތަކަށް ނުވުމާއި، ހުކުމާ އެއްގޮތަށް އަދާނުކުރާ ސާބިތު ދަރަންޏެއް އޮތް ފަރާތަކަށް ނުވުމުގެ އިތުރުން، ވޭތުވެދިޔަ 5 އަހަރު ތެރޭގައި ބޯޑު މެންބަރުކަމުން ޑިސްކޮލިފައި ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.
މި މަޤާމަށް މީހަކު ހޮވުމުގައި ކޯޕަރޭޓް ގަވަރނަންސް، ބިޒްނަސް ޑިވެލޮޕްމަންޓް، ޤާނޫނީ ދާއިރާ، ފައިނޭންސް އަދި ކުންފުނީގެ ވިޔަފާރިއާ ގުޅުންހުރި ދާއިރާތަކުން މަތީ ތަޢުލީމާއި ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. ކުރިމަތިލާ ފަރާތްތައް އިވެލުއޭޓް ކުރާނީ އެ ކުންފުނީގެ ބޯޑުގެ ނޮމިނޭޝަން އެންޑް ރެމިއުނެރޭޝަން ކޮމިޓީންނެވެ.
މި މަޤާމަށް ޑިރެކްޓަރަކު އިންތިޚާބުކުރުން އޮންނާނީ އެމްޓީސީސީގެ ޚާއްޞަ އާންމު ޖަލްސާގައެވެ. އަދި ޖަލްސާ ބޭއްވުމުގެ ކުރިން ނޮމިނޭޓްވާ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާދާރުންނަށް އާންމުކުރާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެމްޓީސީސީގެ ޝެއަރހޯލްޑަރސް އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.


