ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެމްއެންޑީއެފްއިން ހުށައަޅައިދޭ އަސްކަރީ ހުށައެޅުންތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރިކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތުގެ އިސްވެރިންގެ އިތުރުން ދަޢުވަތު އެރުވުނު ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަރަކާތްތަކުގައި އެމްއެންޑީއެފްގެ އެކިއެކި ބަހާތަކުން އަދާކުރާ ދައުރާއި ޚިދުމަތްތައް ދައްކުވައިދޭ ތަފާތު ހުށައެޅުންތަކުގެ އިތުރުން، ނަސްރުގެ ދުވަހާ ގުޅުންހުރި ޚާއްސަ އައިޓަމްތައް ވަނީ ހުށައަޅައިދީފައެވެ. އަދި އަސްކަރީ ހުށައެޅުންތަކުގެ އިތުރުން އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑުގެ ހިތްގައިމު ހުށައެޅުންތައްވެސް މި ހަރަކާތުގެ ތެރެއިން ވަނީ ދައްކާލާފައެވެ.

މީގެއިތުރުން ސިފައިންގެ ޚިދުމަތަށް އައިސްފައިވާ ކުރިއެރުމާއި ޤާބިލުކަން އާންމުންނަށް ހާމަކޮށްދިނުމުގެ ގޮތުން، ދިފާޢީ ބާރުގެ އެކި ދާއިރާތަކުގެ ޔުނިފޯމްތަކާއި އެއްގަމާއި ކަނޑުމަގުން ބޭނުންކުރާ ތަފާތު އުޅަނދުތައް މި ހަރަކާތުގައި ވަނީ ދައްކާލާފައެވެ.
ކޮންމެ އަހަރަކުވެސް ނަސްރުގެ ދުވަހާ ގުޅުވައިގެން ސިފައިން ކުރިއަށްގެންދާ މި ހަރަކާތްތަކަކީ އާންމުންގެ ބޮޑު ތަރުޙީބެއް ލިބޭ ހަރަކާތްތަކަކަށް ވާއިރު، މިއަހަރުގެ އަސްކަރީ ހަރަކާތްތައް ބަލާލުމަށްވެސް ގިނަ ޢަދަދެއްގެ ޢާންމުންނާއި ކުޑަކުދިން ވަނީ ޖުމްހޫރީ މައިދާން ސަރަޙައްދަށް ޖަމާވެފައެވެ.




