ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް ނާންނާނެ ގޮތަށް، މުޅި ގައުމުގެ މާލިއްޔަތަށް ފައިދާކުރާނެފަދަ އިންގިލާބީ ބަދަލުތަކާ ކުރިމަތިލާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި މާޒީން ފިލާވަޅުތައް ލިބިގަނެ، ގައުމު ކުރިއެރުވުމަށް ކާބަފައިން ދެކުނު ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
އެގޮތުން ތާރީޚު ހެކިދޭ ގޮތުގައި ރާއްޖޭގެ މިނިވަންކަން ނަގާލުމަށް މިހާތަނަށް ދިން ކޮންމެ ހަމަލާއެއްގެ ފަހަތުގައި ތިބީ ވެރިކަމުގެ ދަހިވެތިކަމުގައި ތިބި ދިވެހިންތަކެއް ކަމަށާއި، އެ ހަމަލާތަކުގައި ޝަހީދުވި ބޭފުޅުން ގައުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ގުރުބާނީ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޒަމާނުގައި ގައުމުގެ އަމިއްލަ ބަސް ބުނެ، ދީނާއި އަމިއްލަވަންތަކަން ރައްކާތެރިކުރެވެނީ އިގްތިސާދީ މިނިވަންކަން ލިބިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކާބަފައިން ހަތިޔާރުގެ އަޅުވެތިކަމުން ގައުމު މިނިވަންކުރި ފަދައިން، މިއަދު ދަރަނީގެ އަޅުވެތިކަމުން ގައުމު މިނިވަންކުރަން ޖެހިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ތަރައްޤީއަކީ ދިވެހި ކޮންމެ ފަރުދެއްގެ ޙައްޤެއް. ކުރިއަރައި ދިޔުމަކީ ދިވެހި ޤައުމުގެ ޢިއްޒަތާއި ކަރާމާތް އުފުލިގެންދާނެކަމެއް. އެއީ ޤައުމަށް ހެޔޮ އެދޭ ކޮންމެ ދިވެއްސެއްގެ އުންމީދު. ކޮންމެ ދިވެއްސެއްގެ ހިތުގެ ދުޢާ،“ ރައީސް ވިދާޅުވިއެވެ.
ގައުމަށް ތަރައްގީ ގެނައުމުގައި ގައުމީ އެއްވެސް ރުކުނަކަށް އުނިކަމެއް އަޔަނުދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ސައްތައިން ސައްތަ އިސްލާމްވަންތަކަމާއި، ފުރިހަމަ މިނިވަންކަމާއި، އަމިއްލަވަންތަކަމަށް ކުޑަވެސް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ނިންމަވާ ކޮންމެ ނިންމެވުމެއްވެސް ބިނާވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަމާއި ކުރިއެރުން ހޯދައިދިނުމުގެ މައްޗަށް ކަމަށާއި، ވެރިކަމާ ހަވާލުވެވަޑައިގެން އިއުލާނުކުރެއްވި ސިޔާސަތުތައް މިހާރުވެސް ހާސިލްވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



