ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި، ނޮވެންބަރު 3ގެ އައްޑަނަ ފަސްބޭފުޅަކަށް އަރުވައިފިއެވެ.
އެބޭފުޅުންނަށް އައްޑަނަ ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
މި ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންނާ އިސްތިޤްބާލުކުރެއްވީ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މިރޭގެ ޖަލްސާ ރަސްމީ ގޮތުން ފެށުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވުނެވެ.
މިރޭގެ ޖަލްސާގައި ނޮވެންބަރު 3 ގެ އައްޑަނަ ލިބިވަޑައިގެންނެވި ބޭފުޅުންނަކީ، 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާގެ ވަގުތުގައި ރެކީ ޕެޓްރޯލަށް ނިކުންނެވި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި 5 ބޭފުޅުން ކަމުގައިވާ ސަރޖެންޓް ފަސްޓްކްލާސް (ރިޓަޔަރޑް) އިބްރާހީމް ޝަރީފާއި، ސްޓާފް ސަރޖެންޓް (ރިޓަޔަރޑް) ޙުސައިން ޢަލީއާއި، ސަރޖެންޓް (ރިޓަޔަރޑް) ޙުސައިން މަނިކާއި، ކޯޕްރަލް (ރިޓަޔަރޑް) ޢަބްދުﷲ ނަސީމާއި، ލާންސް ކޯޕްރަލް (ރިޓަޔަރޑް) ޢަބްދުﷲ މުފީދެވެ.
މީގެ އިތުރުން މި ޖަލްސާގައި، ނޮވެންބަރު 3 ގެ ހުށަހެޅުން ”ލޭގެ ޖިހާދު“ ގެ ނަމުގައި، ދިވެހި ސިފައިން ތަމްސީލެއް ހުށަހަޅައި ދެއްވިއެވެ. މިރޭގެ ޖަލްސާގައި ދިވެހި ސިފައިންގެ ޤައުމީ ލަވަ އަލްބަމް ނެރެދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެވެ. އަދި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޤައުމާ މުޚާޠިބު ކުރައްވާފައެވެ.
މި ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަހީމް ޢަބްދުﷲ އާއި އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދާއި ދައުލަތުގެ ވަޒީރުންނާއި، ދައުލަތުގެ އިސްވެރިންނާއި، ޢިއްޒަތްތެރިން ބައިވެރިވެވަޑައިގަތެވެ.



