ރާއްޖޭގައި ޒަމާނުއްސުރެ އޮތް 100 ޕަސެންޓު އިސްލާމްވަންތަކަމާއި ދިވެހިންގެ ފުރިހަމަ މިނިވަންކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް ކުޑަވެސް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
”މި ތާރީހީ މައިދާނުގައި ހުރެ، އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވާ ފުރިހަމަ ޔަގީންކަމަކީ ދިވެހިރާއްޖޭގެ ސައްތައިން ސައްތަ އިސްލާންވަންތަކަން، ދިވެހީންގެ ފުރިހަމަ މިނިވަންކަން، ދިވެހީންގެ އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް ކުޑަވެސް އުނިކަމެއް އަންނާނެ ގޮތަކަށް އަޅުގަނޑު އެއްވެސް ކަމެއް ނުކުރާނަންކަން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު އަޅުއްވާ ކޮންމެ ފިޔަވަޅެއް އަދި ނިންމަވާ ކޮންމެ ނިންމުމެއް ނިންމަވާނީ ދިވެހި ގައުމީ އެންމެހައި ބަހާތަކަށް ފުރިހަމަ ދިރުމާއި އާރޯކަމާއި ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ދިވެހި ގައުމިއްޔަތުގެ ރުކުންތައް ފުނޑުފުނޑު ކޮށްނުލައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާ ކަމަށާއި ނަސްރުގެ ދުވަހު ދިވެހިން ކާމިޔާބު ހޯދީ މިނިވަންކަމަށްޓަކައި ކަމަށެވެ.



