މާރާމާރީގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނަކު އޭނާއަކީ ”ކިޔަވާ ކުއްޖެއް“ ކަމަށް ބުނެ ބަންދުން ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ގއ. ދާންދުއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ޒުވާން ފިރިހެން ކުއްޖެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މާރާމާރީގެ ތުހުމަތުގައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައި ވުމުންނެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި ފުލުހުންގެ ބަޔާނުގެ އިތުރުން، ސީސީޓީވީ ފުޓޭޖާއި އެ ފުޓޭޖްގެ ސްނެޕް ޝޮޓްތައް ހިމެނޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ކޯޓު އަމުރުގައި، އޭނާއަކީ ކުޑަ ކުއްޖެއް ކަމަށާއި ކުރެވެނީ ކުޑަ ތުހުމަތެއް ކަމުގައި ވާތީ ބަންދުން ދޫކޮށްދިނުމަށް އޭނާގެ ފަރާތުން އެދިފައިވާ ކަމަށް ވެއެވެ. ނަމަވެސް އޭނާއާ އިތުރު ބަޔަކު، މަޖީދީ މަގުގައި އެކަކު އަނެކެއްގެ ގަޔަށް އަތްލައި، މާރާމާރީ ހިންގާފައިވާކަމަށް ހުށަހެޅިފައިވާ ހެކިތަކުން އެނގޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
އެގޮތުން އެ ހާދިސާ ހިނގާފައިވާ ގޮތަށް ބަލާއިރު، އޭނާ މިވަގުތަށް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިޙްތިމާލް އެބައޮތް ކަމަށާއި، މި ހާދިސާގައި އިތުރު ދެ މީހަކު ފުލުހުންނަށް ފިލައިގެން ގޮސްފައިވާކަން އެނގޭ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
އެ ކުއްޖާގެ ބަންދަށް އިއްޔެ 12 ދުވަސް ޖަހާފައިވާއިރު، ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 15 ވަނަ ދުވަހަށެވެ.



