އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅީ އެމްޑީޕީއަށް ނިސްބަތްވާ 13 މެންބަރެއްގެ ސޮޔާއެކުގައެވެ.
ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވަނީ ހަވާލުވެފައިވާ މަސްއޫލިއްޔަތުތަކާއި ހިލާފުވެ، މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސް އަޅަމުންދާތީ ކަމަށް ބުނެއެވެ. އަދ ިއިގުތިސާދީ އިސްލާހުތައް ގެނައުމަށް އެދެވޭ އެއްވެސް ސިޔާސަތެއް ތަންފީޒުކޮށްފައި ނެތުމުގެ ސަބަބުން ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.
މީގެ އިތުރުން ދައުލަތުގެ މާލީ ހާލަތު ގޯސް ދަނޑިވަޅެއްގައި ރާއްޖޭން ބޭރުގައި ބޭއްވި އިންވެސްޓަރު ފޯރަމްތަކަށާއި މަޝްރޫއުތައް އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ތަކަށް ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާއާއި ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށް ވެސް އިދިކޮޅުން ވަނީ ބުނެފައެވެ.
ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހުގެ ތަޅުމުން ފާސްކުރަން ފެނޭތޯ ނެގި ވޯޓުގައި 54 މެމްބަރުން ވޯޓު ދެއްވީ އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށެވެ. އޭނާގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާފައި ވަނީ އެންމެ 10 މެމްބަރުންނެވެ.




