އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ވަގުތީ ކޮމިޓީގެ މުގައްްރިރަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މި އަހަރު ވެސް އައްޔަނު ކޮށްފިއެވެ.
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިދިޔަ ބުރާސްފަތި ދުވަހު އެ ބަޖެޓު ހުށަހަޅައިދެއްވުމުން، ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަނޑައެޅުއްވީ ބަޖެޓް ދިރާސާ ކުރާނީ މާލިއްޔަތު ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީ އެއްކޮށްލައިގެން ކަމަށެވެ.
އެ ކޮމިޓީއަށް މުގައްރިރާއި ނައިބު މުގައްރިރު ހޮވަން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރަކަށް ސަލީމް އައްޔަންކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އެވެ.
އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގައި އެ ވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީގެ ނައިބު މުގައްރިރަކަށް ހޮވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.


