ރައީސުލުޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރަށް އިރުރު 15 އަހަރު ދީފިނަމަ ޑޮލަރު ރޭޓު ހުންނާނީ 10 ރުފިޔާގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލައަަށް ބަހުސްކުރައްވަމުންނެވެ.
އެގޮތުން ފަލާހު ވިދާޅުވީ ޑޮލަރުގެ އަގު ބޮޑުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ އިގުތިޞާދީ ސިޔާސަތު ބައްޓަންކުރި ގޮތުގެ ސަބަބުން ކަމަށެވެ.
ކުރީ ސަރުކާރުގައި އަށް ބިލިއަން ރުފިޔާ ޗާޕުކޮށް، ދައުލަތަށް ލިބުނު ފައިސާ ހުސްކުރި ކަމަށް މެންބަރު ފަލާޙް ތުހުމަތުކުރައްވަމުން ވިދާޅުވީ، އެ ސަރުކާރުން ނެގި ލޯނުތައް ބޭނުންކުރީ ދައުލަތަށް އާމްދަނީ ވަންނަ ގޮތަކަށް ނޫން ކަމަށެވެ.
”އެތައް ބިލިއަން ޑޮލަރެއް ނަގައިފައި ދައުލަތަށް އާމްދަނީ ވަންނާނެ އެއްވެސް ކަމެއް ނުކޮށް ގާތް މީހުންނަށާއި ރަށްޓެހިންނަށާއި އެތައް ބަޔަކަށް ބަހައިލައިފައި ތާކުންތާކުން ނުޖެހޭ ގޮތަށް އިގުތިޞާދީ ކަންކަން ކުރީމާ ވާނީ މިހެން. އަޅުގަނޑުމެންގެ ވެރިކަން އިރާދަފުޅުކުރެއްވިއްޔާ މިހެން ދެމިގެން ގޮސް ދުވަސްތަކަކަށް، 10 ވަރަކަށް 15 ވަރަކަށް އަހަރަކަށް ދެމިގެން ގޮއްސިއްޔާ ޑޮލަރު ހުންނާނީ 10 ގައި“ އިނގުރައިދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
މިއީ ޑޮލަރާއި ތަކެތީގެ އަގު ބޮޑުވި ސަބަބު ކަމަށް ވިދާޅުވެ، ޞާލިޙްގެ ސަރުކާރަށް ފަލާޙް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.





1 Comment
😂😂😂