ކުރިއަށްއޮތް 5 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓުން ބުނީ، ރާއްޖެއަށް މޫސުން ގޯސްވާނީ މާދަމާއިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ.
މެޓުން ބުނީ، ކުރިއަށްއޮތް ދުވަސްތަކުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ލަފާކުރެވޭތީ، އެ މުއްދަތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެއިތުރުން ބައެއް ސަރަޙައްދުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވި ނަމަވެސް، މި ދުވަސްވަރު އާންމުކޮށް ވައި ގަދަވާނެ ކަމަކަށް ނުބެލެވެއެވެ. އެގޮތުން އާންމު ގޮތެއްގައި ވައިޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވިޔަސް، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މަޢުލޫމާތު ދެއެވެ.
މި ވިއްސާރައިގައި ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.



