އޮސްޓްރޭލިއާގެ ސިޑްނީގެ މަޝްހޫރު ބޮންޑައި ބީޗުގައި މިދިޔަ އަހަރު ދިން ނިރުބަވެރި ހަމަލާގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން 90 އަހަރުގެ އަންހެނަކު، ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.
އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، އީވާ ގެލަރ ނަމަކަށް ކިޔާ މި އަންހެންމީހާ މަރުވީ އެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ސިޑްނީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން އަންނަތާ އަހަރެއްހާ ދުވަސް ވެފައިވަނިކޮށެވެ.
މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ބޮންޑައި ބީޗުގައި އޮތް ޔަހޫދީންގެ ދީނީ އެއްވުމަކަށް އަމާޒުކޮށް ދިން ހަމަލާއެކެވެ.
އައިއެސްއަށް ތާއީދުކުރާ ސާޖިދު އަކްރަމް އަދި އޭނާގެ ދަރިފުޅު ނަވީދު އަކްރަމް ދިން މި ބަޑީގެ ހަމަލާގައި ޖުމްލަ 15 މީހުން މަރުވެ، އިތުރު އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. މިއީ ފަހުގެ ތާރީހެއްގައި އޮސްޓްރޭލިއާގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި އަދި އެންމެ ގިނަ ބަޔަކު މަރުވި ނިރުބަވެރި ހަމަލާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.
ހަމަލާ ދިން ސަރަހައްދުގައި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ސާޖިދު މަރުވެފައިވާއިރު، އޭނާގެ ދަރިފުޅު ނަވީދުގެ މައްޗަށް މިހާރު ދަނީ ޓެރަރިޒަމާއި ގަސްދުގައި މީހުން މެރުމުގެ ކުށުގެ ދައުވާ އުފުލައި ޝަރީއަތް ހިންގަމުންނެވެ.
ގެލަރގެ މަރާ ގުޅިގެން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވަނީ ފުން ހިތާމަ ފާޅުކުރައްވައި، މަރުވި މީހާގެ އާއިލާއަށާއި އެ ގައުމުގެ ޔަހޫދީ މުޖުތަމައުއަށް ތައުޒިޔާ ވިދާޅުވެފައެވެ.
މީގެއިތުރުން، މި ހަމަލާއާ ގުޅިގެން ޔަހޫދީންނާ ދެކޮޅަށް ނަސްލީ ތަފާތުކޮށް، ނަފްރަތު އުފެއްދުމުގެ މައްސަލަތަކާ ގުޅޭގޮތުން ސަރުކާރުން ކުރިއަށްގެންދާ ހާއްސަ ތަހުގީގުގެ ރިޕޯޓް މި މަހުގެ 18 ވަނަ ދުވަހު އާންމުކުރުމަށް ވަނީ ނިންމައިފައެވެ.



