ގއ. ކޮލަމާފުއްޓަށް ރޭގައި ކުރި ގަދަ ވިއްސާރާގައި އެރަށުގެ ސިއްހީ މަރުކަޒާއި 40 އަށްވުރެ ގެއަށް ފެންވަދެ، ބޮޑެތި ގެއްލުންތަކެއްވެ ރޭގައި އެރަށުން ކަރަންޓުވެސް ކެނޑިއްޖެއެވެ.
އެނގިފައިވާ ގޮތުގައި އެރަށުގެ މަގުތަކުގައި ފެން ބޮޑުވީއިރު، ބައެއް މަގުތަކުގައި ފެންގަނޑު ކަކުލާ ހިސާބަށް ވެސް އަރައެވެ.
ފުލުހުން ބުނިގޮތުގައި ކޮލަމާފުއްޓަށް ކުރަމުންދިޔަ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، 45 ގެއަކަށާއި އެ ރަށު ސިއްހީ މަރުކަޒަށް ފެން ވަދެ އެކި ވަރުގެ ގެއްލުންތައް ލިިބިގެން ރައްޔިތުންނަށާއި އިދާރާތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެގޮތުން ފުލުހުން ވަނީ ސިއްހީ މަރުކަޒުގައި ފެން ބޮޑުވުން ކޮންޓްރޯލު ކުރުމުގެ މަސައްކަތް ކޮށްފައެވެ. މީގެއިތުރުން އެކަނި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށާއި ހާލުގައިޖެހިފައިވާ މީހުންނަށް ބޭނުންވާ އަވަސް އެހީތެރިކަން ވެސް ވަނީ ފޯރުކޮށްދީފައެވެ.
މި މަސައްކަތް ފުލުހުން ކޮށްފައިވަނީ އާންމުންނާ ވެސް ގުޅިގެންނެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، އެ ރަށަށް ބޯކޮށް ވާރޭވެހި ގޭގެއަށާއި އިދާރާތަކަށް ފެން ވަދެ، ކަރަންޓު ކެނޑި ގެއްލުންތައް ލިބިފައިވާ ކަމަށެެވެ. އަދި އާއްމުންނާއި ރަށު ކައުންސިލް ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.



