ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ލަފާ ކޮށްފިއެވެ.
މިއަދުން ފެށިގެން މި މަހުގެ 11 އާ ހަމައަށް ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ކަމާބެހޭ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން ބޯކޮށް ވާރޭވެހި މަގުތަކުގައާއި ގޯތިގެދޮރުގައި ފެންބޮޑުވުމުގެ ފުރުސަތު ބޮޑުކަމުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންވެސް ވަނީ އިލްތިމާސް ކޮށްފައެވެ. އެ އިދާރާއިން ވަނީ ގޭގޭގެ ފެންވަންނަ ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމާއި، ކަރަންޓު ސާމާނު ފެން ނުޖެހޭފަދަ އުސްތަންތަނަށް ބަދަލުކުރުމަށް ނަސޭހަތްތެރިވެފައެވެ.
މީގެއިތުރުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ސަލާމަތީ ވަސީލަތްތައް ހަމައަށް ހުރިކަން ކަށަވަރުކުރުމަށް ވަނީ އަންގާފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، ނުރައްކާތެރި މޫސުމުގައި ކަނޑުދަތުރުތައް ނުކުރުމަށް ވެސް ވަނީ ތަކުރާރުކޮށް ނަސޭހަތްތެރި ވެފައެވެ.



