ޗައިނާގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ކޫލްފްލައިން އުފައްދާފައިވާ މީހަކާއެކު ދަތުރުކުރާ ޑްރޯން ނުވަތަ އީވީޓޯލް އެއާކްރާފްޓް ރާއްޖޭގައި އިއްޔެ ދައްކާލައިފިއެވެ.
އިލެކްޓްރިކް ވާޓިކަލް ޓޭކްއޮފް އެންޑް ލޭންޑިން، އީވީޓޯލް އަކީ ހެލިކޮޕްޓަރެއް ފަދައިން ސީދާ މައްޗަށް އެރޭ އަދި ތިރިކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ.
މިއުޅަނދު ދައްކާލާފައި ވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ ގުޅިގެން ހުޅުމާލެ ފޭސް 1 އަދި 2 ގުޅޭ ސަރަހައްދުގައެވެ. މިހަރަކާތުގެ ތެރޭގައިވަނީ މިއުޅަނދު އުދުއްސާ މަންޒަރާއި ބިމަށް ޖައްސާ މަންޒަރު ދައްކާލާފައެވެ.
މި ހަރަކާތާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ، މީގެ ސަބަބުން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށާއި، ވިޔަފާރިތަކަށާއި އަދި އެހެނިހެން ހިއްސާދާރުންނަށް ރާއްޖޭގައި އިލެކްޓްރިކް އޭވިއޭޝަން ބޭނުންކުރެވޭނެ ގޮތްތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި ރާއްޖޭގައި މިފަދަ އުޅަނދުތައް ބޭނުންކުރުމުގެ ފުރުސަތުތައް ދެނެގަތުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، އިންފްރާސްޓްރަކްޗަރ އަދި ބޭނުންވާ ފަންނީ ގާބިލުކަން ވަޒަންކުރުމަށްވެސް މިހަރަކާތުގެ ސަބަބުން އެހީތެރިވެދޭނެކަމަށް ބުނެފައިވެއެވެ.
މިފަދަ އުޅަނދުތަކުގެ ބޭނުން ރާއްޖޭގައި ހިފިދާނެ ދާއިރާތަކުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށަށް ބޭހުގެ ބާވަތްތައް ފަސޭހަ ކަމާ އެކީ ފޮނުވުމަށާއި މެޑިކަލް އިވެކުއޭޝަންތައް އަދި ތިމާވެއްޓާ ގުޅޭ ބައެއް އިންސްޕެކްޝަންތައް ހިމެނެއެވެ.



