ޔޫކްރެއިންގެ ވެރިރަށް ކީވްގެ އަސްކަރީ އަދި ސިނާއީ މުހިންމު ވަސީލަތްތަކަށާއި، ހަކަތައާއި ދަތުރުފަތުރުގެ ނިޒާމުތަކަށް އަމާޒުކޮށް ރަޝިޔާގެ އަސްކަރިއްޔާއިން ރޭގަނޑުގެ ވަގުތެއްގައި ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.
މި ހަމަލާތައް ދީފައި މިވަނީ ދެޤައުމުގެ ދެމެދުގައި ސުލްހައިގެ މަޝްވަރާތައް ބޭއްވުމުގެ ތައްޔާރީތައް ވަމުންދާ ދަނޑިވަޅެއްގައެވެ.
ރަޝިއާގެ ދިފާއީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ހަމަލާތަކުގައި ޔޫކްރެއިންގެ އަސްކަރީ އުޅަނދުފަހަރާއި ހަތިޔާރު އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ ’ނޮދަން ބްރިޖް‘ އަށާއި، ’ފްލެމިންގޯ‘ މަރުކާގެ ކްރޫޒް މިސައިލް އުފައްދާ ’މެރިޑިއަން‘ ކާރުޚާނާއަށް ވަނީ ސީދާ އަމާޒުކޮށް ހަމަލާދީފައެވެ. މީގެއިތުރުން ކީވް ސަރަހައްދުގެ ކަރަންޓު އުފައްދާ މަރުކަޒަކަށާއި، ސަބްސްޓޭޝަނަކަށާއި، ވަޒަން އުފައްދާ މަރުކަޒަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި ޒައިޓޯމިރް ސަރަހައްދުގެ ކަރަންޓު ސަބްސްޓޭޝަނަކަށާއި، ކަޅު ކަނޑުގެ މަގުން ޔޫކްރެއިނަށް އަސްކަރީ ސާމާނު އުފުލަމުންދިޔަ މުދާ އުފުލާ އުޅަނދަކަށްވެސް ރަޝިޔާ ސިފައިން ވަނީ ހަމަލާދީފައެވެ.
ހަނގުރާމައިގެ މައިދާނުގައި ހަމަލާތައް ވަރުގަދަވަމުންދާއިރު، ރަޝިއާއާއި އެމެރިކާ އަދި ޔޫކްރެއިން ބައިވެރިވާ ތިން ފަރާތުގެ ހާއްސަ މަޝްވަރާތަކެއް އަންނަ ހަފުތާގައި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިރަށް އަބޫދާބީގައި ބޭއްވުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ މިއަހަރުގެ ފެބްރުއަރީ މަހަށްފަހު މިފަދަ މަޝްވަރާތަކެއް ބޭއްވޭ ފުރަތަމަ ފަހަރެވެ.
މި ބައްދަލުވުމުގައި ބައިވެރިވާ ރަޝިޔާގެ އިސް ވަފުދުގައި އެޤައުމުގެ ޑެޕިއުޓީ ހާރިޖީ ވަޒީރު ސަރގޭ ރިޔަބްކޯވްއާއި، ޖެނެރަލް ސްޓާފްގެ ސީނިއަރ އޮފިސަރު ޔޫރީ ޒިގަރލޮވްސްކީ އަދި ކްރެމްލިންގެ މުޝީރު ވްލަޑިމިރު މެޑިންސްކީ ހިމެނިވަޑައިގަންނަވާނެ ކަމަށް ކްރެމްލިންގެ ތަރުޖަމާނު ދިމިތުރީ ޕެސްކޯވް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މި ބައްދަލުވުމުގެ ތައްޔާރީތަކާ ގުޅޭގޮތުން ރަޝިޔާގެ ރައީސް ވްލަޑިމިރު ޕުޓިން ވަނީ އެޤައުމުގެ ޤައުމީ ސަލާމަތީ މަޖިލީހުގައި މަޝްވަރާކުރައްވާފައެވެ. އަދި މި މަޝްވަރާތައް އިންތިޒާމުކޮށް، މެދުވެރިއެއްގެ ދައުރު އަދާކޮށްދޭތީ ޔޫއޭއީ ސަރުކާރަށް ޕުޓިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި އަސްކަރީ ކުރިމަތިލުންތަކަށްފަހު، މިއީ ފިނި މޫސުން ފެށުމުގެ ކުރިން ސުލްހައިގެ މަގެއް ހޯދުމަށް އެމެރިކާގެ މެދުވެރިން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.



