އޯޒޯން ފަށަލަ ހިމާޔަތްކުރުމާ ގުޅޭ ބައިނަލްއަޤުވާމީ މުއާހަދާތައް ތަންފީޒުކުރުމުގައި، ހުރިހާ ޤައުމުތަކެއްގެ ބައިވެރިވުމަށް ރާއްޖެއިން ގޮވާލައްވައިފިއެވެ.
މިކަމަށް ގޮވާލައްވާފައިވަނީ މޮންޓްރިއަލް ޕްރޮޓޮކޯލްގެ ބައިވެރިންގެ 38 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވަމުން، އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ފާރިސް ޔޫސުފްއެވެ.
ފާރިސްގެ ބަޔާނުގައި، އޯޒޯން މުއާހަދާތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށްޓަކައި ހުރިހާ ޤައުމުތަކެއްގެ ބޭނުންތައް ދެނެގަނެ، އެކަންކަމަށް އިޖާބަދެވޭނެ އިންސާފުވެރި ނިޒާމެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މި އަމާޒަށް ވާސިލުވުމަށްޓަކައި މަލްޓިލެޓަރަލް ފަންޑުގެ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި އަދި ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން އިތުރުކުރުމަށާއި، އައު ޓެކްނޮލޮޖީތައް ފޯރުކޮށްދިނުމާއި، ޤާބިލުކަން އިތުރުކުރުމަށް އެހީތެރިވުމަށްވެސް ސްޓޭޓް މިނިސްޓަރު ގޮވާލެއްވިއެވެ. ވަކިން ޚާއްޞަކޮށް، ހަކަތަ މަދުން ބޭނުންކުރާ އަދި ދުނިޔެ ހޫނުވުމަށް ބާރުއަޅާ މިންވަރު ކުޑަ ވަސީލަތްތަކަށް ބަދަލުކުރުމުގެ މުހިންމުކަން ފާރިސް ވަނީ ފާހަގަކުރައްވާފައެވެ.



