ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލްގެ ބަންދަށް އިތުރު 30 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިޔާމް ވިދާޅުވީ އައިމަން އާއި ގުޅޭ މައްސަލައިގެ ބޮޑު ބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށާއި އެ މައްސަލައިގައި ތަހުގީގު ނިމުމަކާ ގާތްވެ، މިހާރު ކުރިއަށްދަނީ ޕީޖީ އާއި މަޝްވަރާކުރެވި އިތުރަށް ފުރިހަމަ ކުރަން ހުރި ބައިތައް ފުރިހަމަ ކުރުމުގެ މަރުހަލާ ކަމަށެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަ އިތުރުވަމުން އަންނައިރު ކަމާބެހޭ އިދާރާތަކުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ކުޑަކުދިންނަށް ކުރާ އަނިޔާގެ އެކި ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކުރެވޭ އެއް ކަމަކީ ޖިންސީ ގޯނާގެ މައްސަލަތަކެވެ.
”ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު“ އަދި ”ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު“ ގެ ދަށުން މިފަދަ ކުށްތަކަށް ވަރަށް ބޮޑެތި އަދަބުތައް ކަނޑައަޅާފައިވެއެވެ. އެގޮތުން ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އިތުރުން އެމީހުންގެ މައްސަލަ ބަލާ ނިމުމުން އުމުރު ދުވަހަށް ޖަލަށްލުން ފަދަ ހުކުމްތައް ވެސް ހިމެނެއެވެ.



