ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޢަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އެ ކޮމިޝަނުން ޢަދާލަތު ޕާޓީ ޖޫރިމަނާކޮށްފައިވަނީ، އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު، 2026 އޮކްޓޯބަރު 05 ގައި ހުށަހެޅިއިރު ސިޔާސީ ޕާޓީގެ ޤާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެ ޕާޓީއިން ކޮށްފައިވާ އެންމެހައި ޚަރަދުތަކުގެ ތަފްޞީލު ފުރިހަމައަށް ބަލަހައްޓާފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާތީ ކަމުގައި އީސީން ބުނެފައިވެއެވެ.
ސިޔާސީ ޕާޓީގެ ޤާނޫނުގެ 41 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކުން ކުރާ އެންމެހައި ޚަރަދުތައް ތަފްޞީލާއެކު ބެލެހެއްޓުން ލާޒިމުކޮށްފައިވެއެވެ.
އެހެންނަމަވެސް، އެ ޕާޓީގެ އޮޑިޓް ރިޕޯޓު އޮޑިޓް ކޮށްފައިވާ ފަރާތުން، 2024 ވަނަ އަހަރު ޕާޓީގެ ބައެއް މުދަލާއި ތަކެތީގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދާ ގުޅޭ ލިޔުންތައް ހުށަހަޅާފައި ނުވުމުގެ ސަބަބުން އެކަންކަން ކަށަވަރު ނުކުރެވޭކަމަށް އީސީން ފާހަގަކޮށްފައިވެއެވެ.



