މޫސުމާ ގުޅޭ މައުލޫމާތު ވަގުތުން ވަގުތަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ޒަމާނީ ބަދަލުތަކާއެކު މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) ގެ ”މޫސުން“ އެޕްލިކޭޝަނާއި އައު ވެބްސައިޓް ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފިއެވެ.
މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެޕްލިކޭޝަނާއި ވެބްސައިޓް ނެރެދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފެވެ.
މި އެޕްލިކޭޝަނަކީ މޯބައިލް ފޯނު މެދުވެރިކޮށް ކޮންމެ ވަގުތަކުވެސް މޫސުމީ މައުލޫމާތު ބަލައިލެވޭ ގޮތަށް ދިވެހި އަދި އިނގިރޭސި ބަހުން ފަރުމާކޮށްފައިވާ ވަސީލަތެކެވެ. މީގެ ކުރިން ބޭނުންކުރި އެޕްލިކޭޝަނުގައި ރާއްޖޭގެ އެންމެ 5 ސްޓޭޝަނެއްގެ މައުލޫމާތު ހިމެނުނު ނަމަވެސް، އަލަށް ގެނެވުނު ބަދަލުތަކާއެކު މީހުން ދިރިއުޅޭ ރަށްރަށާއި، ސިނާއީ ރަށްތަކާއި، އެއާޕޯޓުތައް އަދި ފަޅުރަށްތައް ހިމެނޭހެން ޖުމްލަ 516 ހިސާބެއްގެ މޫސުމީ މައުލޫމާތު މިހާރު ލިބޭނެއެވެ.
މީގެއިތުރުން އެކި ސަރަހައްދުތަކަށް މޫސުން ލަފާކުރާ ގޮތް ކޮންމެ 3 ގަޑިއިރަކުން އަޕްޑޭޓުވަމުންދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އަލީ ޝަރީފް ވިދާޅުވީ މި އެޕްލިކޭޝަނާއި ވެބްސައިޓްގެ މައިގަނޑު ބޭނުމަކީ އާންމުންނަށް ބޭނުންކުރަން ފަސޭހަ އަދި ދުވަހުން ދުވަހަށް މޫސުމާ ގުޅޭ އެންމެ ސައްހަ، ތަފްސީލީ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.
”އަޅުގަނޑުމެން ބޭނުންވީ އާންމުން ބޭނުންކުރުމުގައި ލުއިފަސޭހަ، އަދި ދުވަހުން ދުވަހަށް މޫސުމާ ގުޅޭ އެންމެ ސައްހަ އަދި ތަފްސީލީ މައުލޫމާތު ފަސޭހަކަމާއެކު ހޯދޭނެ ފުރިހަމަ ވަސީލަތެއް ފޯރުކޮށްދިނުމަށް،“ ވަޒީރު ވިދާޅުވިއެވެ.
މި ވަސީލަތަކީ މީގެ ކުރީގެ ތަޖުރިބާތަކަށާއި އާންމުންގެ ބޭނުންތަކަށް ރިއާޔަތްކޮށް ދިވެހި ޓީމަކުން ތައްޔާރުކުރި އުފެއްދުމެއްކަން ފާހަގަކުރައްވަމުން، އެ މަސައްކަތުގައި ޗައިނާ ސަރުކާރާއި ޔޫއެންޑީޕީން ވެދިން އެހީތެރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އަދްނާން ސީމާ ވިދާޅުވީ، މި ޕްލެޓްފޯމު މެދުވެރިކޮށް ރަސްމީ މޫސުމީ ލަފާކުރުންތަކާއި، ކަނޑުދަތުރުފަތުރާ ގުޅޭ މައުލޫމާތު އަދި މޫސުމީ ސަމާލުތައް އެ މައުލޫމާތަށް އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކާ ހަމައަށް ހަލުވިކަމާއެކު ފޯރުކޮށްދެވޭނެ ކަމަށެވެ. މިއީ މުޖުތަމައުގެ އެންމެންނަށްވެސް ބޭނުންކުރެވޭނެ ގޮތަށް ތައްޔާރުކުރެވުނު ވަސީލަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ވެދާ ރާޑަރު ސިސްޓަމްތަކުން އެވަގުތެއްގެ މޫސުމީ ހާލަތު ވަގުތުން ބަލައިލެވޭނެއެވެ.
އަދި މޫސުމީ ކާރިސާތަކުގެ ވަގުތުތަކުގައި ނެރޭ އެލާޓްތަކުގެ އިތުރުން، ސެޓެލައިޓް ފޮޓޯތަކާއި ބިންހެލުމާ ގުޅޭ މައުލޫމާތުތައްވެސް މި އެޕްލިކޭޝަނުން ފަސޭހަކަމާއެކު ލިބެން ހުންނާނެއެވެ.




