އުއްމީދަކީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަވަހަށް ނިންމައި، ގޯތިތައް ހަވާލުކުރުން ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްޠަލު މިހެން ވިދާޅުވީ ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ގުޅިގެން ކުރިއަށްގެންދާ ”އަހާ“ ފޯރަމްގެ 10 ވަނަ ޕްރޮގްރާމުގައި ރޭގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުގެ ”ބިންވެރިޔާ“ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 3، ގިރާވަރުފަޅު އަދި ގުޅީފަޅުން ގޯތި ދޫކުރިއިރު އެ ތަންތަނަކީ މާބޮޑަށް ހިއްކާފައި ހުރި ތަންތަނެއް ނޫން ކަމަށެވެ. އަދި އޭރު ގުޅީފަޅުން ބައެއް އަދި ހުޅުމާލެ ފޭސް 3 ގެ ކުޑަ މިންވަރެއް ހިއްކާފައި އޮތްކަން މުއްޠަލިބު ފާހަގަ ކުރެއްވިއެވެ.
”މި ސަރުކާރު އައިސްފައި އޭރު ދިމާވި އިގުތިސާދީ ދަތިތަކާއެކުވެސް އަޅުގަނޑުމެން އެ މައްސަލަ ހައްލުކުރެވޭތޯ މަސައްކަތް ކުރިން. އެގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން ހުޅުމާލެ ފޭސް 3 އަދި ގުޅީފަޅުވެސް ހިއްކާފައި އެ ދެތަނުގެ ގޯތިތައް މިހާރު އެފަރާތްތަކާ ހަވާލުކުރެވިފައި އެވަނީ.“ މިނިސްޓަރު ވިދާޅުވިއެވެ.
ގިރާވަރުފަޅުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުއްޠަލިބު ވިދާޅުވީ، އެ ފަޅުން 100 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށްފަހު މަސައްކަތް މަޑުޖެހިގެން ދިޔައީ މެދުއިރުމަތީގެ ހާދިސާތަކާ ގުޅިގެން ތެލުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުން ކަމަށެވެ.



