މާލޭ އުތުރު ބަނދަރުން ހިދުމަތް ފޯރުކޮށްދިނުން ލަސްވަނީ އޮޑިތައް ގިނަވުމުން ކަމަށާއި މިއީ މަޑުމަޑުން ބޮޑުވަމުން އައި މައްސަލައެއް ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.
މާލޭ ނޯތު ހާބަރު ބޭނުންކުރުމުގައި އެމްޕީއެލްއިން އަމަލުކުރާ އުސޫލުގެ ސަބަބުން އަތޮޅުތެރެއަށް މުދާ އުފުލާ ބޯޓުފަހަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް އެ ކުންފުނީގެ ވެރިން ހާޒިރުކޮށް، ސުވާލުކުރަން އެދިވަޑައިގެން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް މިދިޔަ ޖުލައި މަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީ އާ ގުޅިގެން އެމްޕީއެލްގެ ވެރިން މިއަދު ވަނީ މަޖިލީހުގެ އެސްއޯއީ ކޮމެޓީ އަށް ހާޒިރުކޮށްފައެވެ.
އެމްޕީއެލްގެ ވެރިން ހާޒިރުކޮށް ކުރިއަށް ގެންދިޔަ އެސްއޯއީ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޯތު ހާބަރުގެ ކަންތައް ބަލަހައްޓާ އެމްޕީއެލްގެ ސެކްޝަން މެނޭޖަރު މުހައްމަދު އަަޒަލް ވިދާޅުވީ ކޮންމެ މަހަކު ވެސް ނޯތު ހާބަރުން ހިދުމަތް ހޯދާ އުޅަނދު ފަހަރުގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.
”ކޮންމެ މަހަކު އެބަ އިތުރުވޭ ގާތްގަނޑަކަށް ދެ ބޯޓެއް ތިން ބޯޓެއް. ނޯތު ހާބަރުގެ ހިދުމަތް ފެއްޓިއިރު ފެށީ 80 ވަރަކަށް ބޯޓާއެކު. އެކަމަކު މިހާރު149 ބޯޓު އެބައޮތް،“ އޭނާ ވިދާޅުވި އެވެ.
އަޒަލް ވިދާޅުވީ މިދިޔަ 2024 އިން މި އަހަރުގެ މިހާތަނަށް އެ ހާބަރުން ހިދުމަތް ހޯދާ 80 ބޯޓު އިތުރުވެއްޖެ ކަމަށެވެ.
އެއީ 2024 ވަނަ އަހަރު 25 ބޯޓު، މިދިޔަ އަހަރު 21 ބޯޓު އަދި މި އަހަރުގެ މިހާތަނަށް 34 ބޯޓު ކަމުގައި އޭނާ ވިދާޅުވިއެވެ.
ތިން އަހަރު ތެރޭ އިތުރު 80 ބޯޓު ނޯތު ހާބަރުން ހިދުމަތް ހޯދަން ފެށިއިރު ހިދުމަތް ފޯރުކޮށްދިނުމުގައި ލަސްވަނީ ޓާން އޯވާ ވަގުތުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.




