ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، (އެންސްޕާ) ގައި ރެޖިސްޓަރ ކޮށްފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެ އެޖެންސީން މިދިޔަ މަހު 58.8 މިިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި އަލަށް 199 މީހުން ރަޖިސްޓަރީވެ، އެ ދަފްތަރުގެ އަދަދު ވަނީ 16049 އަށް އަރާފައެވެ. އެ އެޖެންސީން މިދިޔަ މަހު އެހީ ދޫކޮށްފައިވަނީ 15862 ފަރާތަކަށެވެ. މި ފަރާތްތަކަށް 58.8 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މި ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވަނީ 9272 ފިރިހެނުންނާއި 6777 އަންހެނުންނެވެ. އުމުރުފުރާއަށް ބަލާއިރު އެންމެ ގިނައީ އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ 3988 އަންހެނުންނާއި، 4143 ފިރިހެނުން ހިމެނޭނެހެން ޖުމުލަ 8131 މީހުންނެވެ.
ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ނުކުޅެދުންތެރިކަމުގެ ގިންތިތަކަށް ބަލާއިރު އެންމެ ގިނަ މީހުން ރަޖިސްޓަރކޮށްފައިވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރެގެންނެވެ.



