ޤާނޫނު އަސާސީން ލިބިދޭ ހައްގުތައް މިނިވަންކަމާއެކު ލިބިގަތުމުގައި އަނެކުންގެ ހައްގުތަކަށްވެސް އިހްތިރާމްކޮށް ސަމާލުވާން ޖެހޭނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީގެ ރާއްޖޭގެ އޮފީހާއި ގުޅިގެން ކުރިޔަށް ގެންދާ ”އެނގުމަކީ ބާރެއް“ މިޕްރޮޖެކްޓްގެ ދަށުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މެސެޖެއްގައި ބަންޑާރަނައިބު އުޝާމް ވިދާޅުވީ ވަރުގަދަ ޑިމޮކްރެޓިކް ނިޒާމެއް ބިނާވަނީ ހަމައެކަނި ޙައްޤުތަކުގެ މައްޗަކަށް ނޫން ކަމަށާއި، ކޮންމެ މީހަކުވެސް ޒިންމާދާރުކަމާއެކު ޙައްޤުތައް ބޭނުންކޮށް، އެކަކު އަނެކެއްގެ ވާޖިބުތައް ފުރިހަމަކުރުމަކީ އެ ނިޒާމުގެ ބައެއް ކަމަށެވެ.
އެގޮތުން އުޝާމް ވިދާޅުވީ މިނިވަންކަމުގެ ނަމުގައި އެހެން ފަރާތްތަކުގެ އަބުރު ނަގައިލުމަކީ ޤާނޫނުއަސާސީ ޖާގަ ދޭ ކަމެއް ނޫން ކަމަށެވެ.
ޤާނޫނުއަސާސީގެ 67 ވަނަ މާއްދާ ބުނާ ގޮތުން ކޮންމެ ރައްޔިތަކަށް ލިބިދޭ ޙައްޤުތަކާ ވަކިނުކުރެވޭ ގޮތުގައި ވާޖިބުތައް ވެސް ލާޒިމުވާކަން ފާހަގަކުރައްވާ އޭގެތެރޭގައި ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށް ހިތުމާއި، ދައުލަތުގެ މުދަލާއި ތިމާވެށި ޙިމާޔަތްކުރުމާއި، އެހެން މީހުންގެ ޙައްޤުތަކަށް ބެލުން ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން ދަތުރުފަތުރުކުރުމުގެ ހައްގަށް އިޝާރާތް ކުރައްވާ އުޝާމް ވިދާޅުވީ އެ މިނިވަންކަން ލިބިގަތުމުގައި އަނެކުންގެ ހައްގުތަކަށް ވެސް އިހްތިރާމްކޮށް ސަމާލުވާން ޖެހޭނެކަމަށެވެ. އާންމު ތަންތަން ބޭނުން ކުރުމުގައި ޒިންމާދާރުވާންޖެހޭނެކަމަށާއި ދަތުރުފަތުރުކުރުމުގައި އެހެން މީހުންނަށް ނުރައްކަލެއް ނުވާނެކަން މިއީ ކަށަވަރު ކުރަން ޖެހޭނެ ކަންކަން ކަމަށެވެ.
ހަމަ އެގޮތަށް މުޒާހަރާކުރުމަކީ ވެސް ގާނޫނުއަސާސީން ލިބިދޭ ހައްގެއް ނަމަވެސް އެ ހައްގު ބޭނުން ކުރަން ޖެހޭނީ ސުލްހަވެރިކަމާ އެކު ގާނޫނުތަކަށް އިހްތިރާމްކޮށްގެންކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.




