ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ)ގެ ސީޕްލޭނެއް ދިޔަވެ، އަޑިއަށް ދާން ފަށައިފިއެވެ.
މި ބޯޓު އަޑިއަށް ދާން މެދުވެރި ސީދާ ސަބަބު އަދި އެނގިފައިނުވި ނަމަވެސް މި ހާދިސާ ހިނގާފައިވަނީ، އެމްއޭސީއެލް ނޫވިލު ސީޕްލޭން ޓާމިނަލުގެ ފަޅުތެރެއިންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ، ބޯޓުގެ ކަނދުފައްޗަށް ގެއްލުން ލިބިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުން، ބޯޓު ދިޔަވާން ފެށުމުން ބޯޓު ވަނީ ފާލަމާއި ގާތް ކޮށްފައެވެ.
ބޯޓުގައި ބައެއް މީހުން ތިބި ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ވެފައިވާ ނުވާކަމަށް މައުލޫމާތު ލިބެއެވެ.
އެސަރަހައްދުގައި އެއާޕޯޓުގެ އެމެޖެންސީ ޓީމުތަކުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއޭސީއެލްއިން ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ހާދިސާގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އެމްއޭސީއެލްއިން ވަނީ، ވޯޓަރ ރަންވޭ މިހާރުވެސް ބޭނުންކުރަމުންދާކަމުގެ ޔަޤީންކަން ދީފައެވެ.


