ޓެކްސް ނުދައްކާ ފަރާތްތަކާއި މެދު ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅަމުންދާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ. އެ އޮތޯރިޓީން ބުނީ ޓެކްސް ނިޒާމުގެ ކަންކަން މިހާރުވެސް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ކުރިއަށް ގެންދާ ކަމަށެވެ.
މީރާއިން ނެރުނު ބަޔާނުގައި ބުނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އެއިދާރާއާއި މަތިކޮށްފައިވާ މައިގަނޑު ޒިންމާއަކީ ޓެކްސް ޤާނޫނުތައް ތަންފީޒުކުރުމާއި ޓެކްސްއާބެހޭ ސިޔާސަތުތައް ހިންގުމާއި ޤާނޫނީ ގޮތުން ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން ކަމަށެވެ.
އެގޮތުން ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ހިސާބުކުރަމުން ދަނީ ޓެކުހުގެ ގާނޫނުތަކާ އެއްގޮތަށްތޯ ބެލުމާއި، ޓެކްސް ޤާނޫނާއި އެއްގޮތަށް ޓެކްސްދައްކާ ފަރާތްތަކުން ޓެކުހުގެ ޒިންމާއަދާކުރާކަން ކަށަވަރުކުރުމަކީ މީރާ އިން އަދާކުރަމުންދާ ޤާނޫނީ ޒިންމާއެއް ކަމުގައި އެ އޮތޯރިޓީން ބުންޏެވެ. އަދި މި ޒިންމާ އަދާކުރުމުގައި ވިޔަފާރީގެ ބާވަތާއި ކުޑަބޮޑުމިނަށް ބެލުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުގެ މެދުގައި ޤާނޫނު ހަމަހަމަކޮށް ތަންފީޒުކުރުމަކީ މީރާއިން ފެށުނީއްސުރެންވެސް ޢަމަލުކުރަމުންދާ އުސޫލް ކަމަށް ވެސް ބުންޏެވެ.
އަދި މީރާގެ މަސައްކަތްތަކަކީ ކަނޑައެޅިފައިވާ ސްޓްރެޓެޖިކް ޕްލޭނެއްގެ ދަށުން ރޭވިގެން، އާންމު ކުރެވިފައިވާ ކޮމްޕްލަޔަންސް އިމްޕްރޫވަމްންޓް ޕްލޭނަކާ އެއްގޮތަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށް މީރާއިން ފާހަގަކުރެއެވެ.



