މާލޭގެ މަގެއްގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި ދާދި ފަހުން ދިވެއްސަކު މަރުވެފައި އޮތް ހާދިސާގައި، އޭނާ މަރުވުމުގައި އިތުރު މީހެއްގެ ބައިވެރިވުމެއް ނުވަތަ ތުހުމަތުކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ހުސައިނީ ގޯޅީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ހޯމަ ދުވަހު ހެނދުނު 09:17 ހާއިރެވެ.
އެމީހާ އައިޖީއެމްއެޗްއަަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ އެދުވަހު ބުނެފައެވެ.
މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ހަމަ އެ ދުވަހު އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އޭނާ މަރުވާން މެދުވެރިވި ސަބަބާއި އެހެނިހެން ތަފުސީލުތައް ފުލުހުން ހާމައެއް ނުކުރެއެވެ.



