ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުން މޫސުމީ އިންވެސްޓްމަންޓްތައް ވަޒަންކުރާ އުސޫލު އިސްލާހުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތުރުކީވިލާތުގެ އަނަތޯލިޔާގައި މިހާރު ކުރިއަށްދާ ކޮޕް-31 ސަމިޓުގައި ރާއްޖޭގެ ފަރާތުން ރޭގައި ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ، ވިލުންވެރިކަން ހާސިލުކުރެވެނީ އަދާނުކުރެވޭ ވަރުގެ ދަރަނީގެ ބުރައެއް އުފުލައިގެން ކަމުގައި ވެގެން ނުވާނެކަމަށާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުން މޫސުމީ އިންވެސްޓްމަންޓްތައް ވަޒަންކުރާ އުސޫލު އިސްލާހުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ވިލުންވެރިކަމަކީ މާލީ ބުރައެއްގެ ގޮތުގައި ނުބަލައި، އެއީ އެންމެންގެ މުސްތަގުބަލަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ ކަމަށެވެ.
އެ ތަގުރީރުގައި ރައީސް ވަނީ، މޫސުމީ ކާރިސާތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އިސްކަން ދޭންވީ ތިން ކަމެއް ފާހަގަކުރައްވައިފައެވެ. އެއީ ފައިސާ ފޯރުކޮށްދިނުމާއި، އިސްލާހުތައް ގެނައުމާއި އަދި ފިޔަވަޅުތައް ތަންފީޒު ކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ފިޔަވަޅުތަކުގެ ތަފުސީލު ދެއްވަމުން ރައީސް ވިދާޅުވީ، ތަރައްގީވެފައިވާ ގައުމުތަކުން، ވިލުންތެރިކަމަށް ކުރާ މަސައްކަތަށް ފައިސާ ފޯރުކޮށްދިނުމަށް ވެފައިވާ ވައުދުތައް ފުއްދަންޖެހޭ ކަމަށެވެ.
އެ ފައިސާއަކީ ލޯނުގެ ބަދަލުގައި ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާއަކަށް ވާންޖެހޭ ކަމަށާއި، ގްރީން ކްލައިމެޓް ފަންޑާއި އެޑަޕްޓޭޝަން ފަންޑުގެ އިތުރުން ލޮސް އެންޑް ޑެމޭޖް ފަންޑަށް އެކަށޭނަ މިންވަރަކަށް ވަސީލަތްތައް ފޯރުކޮށްދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



