މި އަހަރުގެ ފުރަތަމަ 10 މަސްތެރޭ މުދަލު ޒަކާތުގެގޮތުގައި 114.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ އޮކްޓޯބަރު މަހުގެ މާލީ ރިޕޯޓު ދައްކާގޮތުގައި އެމަހުގެ ނިޔަލަށް މުދަލު ޒަކާތުގެގޮތުގައި ވަނީ 114.9 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެގޮތުގައި ލިބުނު 93.4 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު %23 އިތުރު އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ވަނީ 5.2 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މުދަލު ޒަކާތުގެގޮތުގައި ލިބުނު 5.5 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.
މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބަލައިގަތް އަދަދު، މިދިޔަ އަހަރު ލިބުނު ޖުމުލަ ޢަދަދަށް ވުރެ ވަނީ އިތުރުވެފައެވެ. މިދިޔަ ސެޕްޓެންބަރުމަހު މި އަދަދު ފަހަނައަޅާ ގޮސްފައިވާއިރު 2025 ވަނަ އަހަރު މުދަލު ޒަކާތުގެގޮތުގައި ލިބިފައިވަނީ ޖުމްލަ 106.4 މިލިއަން ރުފިޔާއެވެ.
މުދަލު ޒަކާތް ލިބޭ މިންވަރު އަހަރަކު %10 އިތުރުކުރުމަށް ޒަކާތު ހައުސްއިން ވަނީ ނިންމާފައެވެ. އަދި، 2028 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށްދާއިރު އަހަރަކު ލިބޭ ޖުމްލަ ޒަކާތުގެ މަދުވެގެން %25 ކުންފުނިތަކާއި ބޮޑެތި ވިޔަފާރިވެރިންގެ ފަރާތުން ލިބޭ ޒަކާތް ކަމުގައި ހެދޭނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.


