ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުން ހަރ އެކްސަލަންސީ އެމިނޭ އުރުދުޣާންއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ކޮޕް31 ސަމިޓުގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި، އެމިނޭ އުރުދުޣާންގެ އިސްނެންގެވުމުގެ މަތިން، 2017 ވަނަ އަހަރު އުފެއްދެވި ”ޒީރޯ ވޭސްޓް ފައުންޑޭޝަން“ އާ ބެހޭ މަޢުލޫމާތު އެކަމަނާ، މެޑަމް ސާޖިދާއާ ޙިއްސާކުރެއްވިއެވެ. އަދި ”ޒީރޯ ވޭސްޓް“ ހަރަކާތް ކުރިއެރުވުމަށް އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން، ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ”ޒީރޯ ވޭސްޓް“ ޙަރަކާތް ކުރިއެރުވުމަށް އިސްނެންގެވުމަށް އެމިނޭ އުރުދުޣާން، މެޑަމް ސާޖިދާއަށް ހިތްވަރުދެއްވިއެވެ. އަދި މިކަން ތަންފީޒުކުރުމުގައި ކަމާބެހޭ ވުޒާރާތަކުގެ ދައުރު ބޮޑުކަމުން، ސަރުކާރުގެ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން، އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ތިމާވެށި ޙިމާޔަތްކުރުމަށާއި ކުނި މަދުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އަންހެނުންނާއި ކުޑަކުދިންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.
ހަމަ މިއާއެކު، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް، ބޭނުންކުރުން މިހާރު މަނާކޮށްފައިވާކަން، މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުން ނިންމަވާލެއްވީ، ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުނި ނައްތާލުމަށް، ދެޤައުމުން ގުޅިގެން މަސައްކަތްކުރުމުގެ ޢަޒުމު އައުކުރައްވަމުންނެވެ.



