ނަމާދަށް ހުރި އަންހެނެއްގެ ކުރިމައްޗަށް އަރައި، ބަދުއަޚުލާގީ ހަރަކާތްތަކެއް ދެއްކި މައްސަލައެއްގައި ގ. މާލެހިޔާ 2 02-13 / ނައުޝާދު މޫސާ އަނެއްކާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އުމުރުން 32 އަހަރުގެ ނައުޝާދު މީގެކުރިން އެންމެފަހުން ހައްޔަރުކުރީ، މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ހިންގައި، އެ ތަނުގެ ތެރެއަށް ގަޟާހާޖާކުރި ކަމުގެ ތުހުމަތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު އެވެ. އޭރު އޭނާގެ ބަންދަށް ދިން 15 ދުވަހުގެ މުއްދަތު ހަމަވެ ދެވަނަ ފަހަރަށް މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދު ވެސް ކޮށްފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ.
ފުލުހުން ކުރިން ބުނީ މިސްކިތަށް ގެއްލުންދިން މައްސަލާގައި ނައުޝާދުގެ މައްޗަށް ކުށް ސާބިތުވެ، އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ މި މަހުގެ އެއް ވަނަ ދުވަހު ކަމަށެވެ.
އެކަމަކު އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރުގެ ދަށުން އޭނާ ބަންދުގައި އެއް މަހާއި 21 ދުވަހުގެ މުއްދަތެއް ހޭދަކޮށްފައިވާތީ އެ މުއްދަތު އަދަބުން އުނިކުރުމުން، އޭނާ ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތް ކަމަށް ކޯޓުން ކަނޑައަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނައުޝާދު ދޫކޮށްލިފަހުން ވެސް ފުރްޤާން މިސްކިތުގައި ނިދާފައި އޮތް މަންޒަރު ފެންނަ ފޮޓޯއެއް މިމަހުގެ 4 ވަނަ ދުވަހު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
އޭގެފަހުން އިއްޔެ ހެނދުނު ޟުޙާ ނަމާދު ކުރަން ފުރްޤާން މިސްކިތުގައި ހުރި އަންހެނެއްގެ ކުރިމައްޗަށް އަރައި، ބަރަހަނާވެ ”އަމިއްލައަށް އެދުން ފުއްދި“ ކަމުގެ މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ނައުޝާދު ހައްޔަރުކޮށް، އޭނާ އެފަދަ ކަމެއް ތަކުރާރުކޮށް ކުރިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން ކަމުގައި ބުނެފައެވެ.
ނަމަވެސް މިހާރު ނައުޝާދު ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.



