ހުރަވީ ދުވަސްފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު ކާބަފައިންގެ ފަރާތުން ވާރުތަވި އެންމެހާ ރިވެތި އަޚްލާޤީ ސިފަތައް ދެމެހެއްޓުމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު އިލްތިމާސްކުރައްވައިފިއެވެ.
ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ހީނާ ވަނީ ހުރަވީ ދުވަހުގެ ހަނދާންތައް އާކޮށް އެދުވަހުގެ ބަޠަލް ދޮން ބަންޑާރައިން ނުވަތަ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރުމަށް ކުރެއްވި މަސައްކަތަށާއި ދުވަހުގެ ތާރީޚަށް އަލިއަޅުވާލައްވާފައެވެ.
މިފަދަ ދުވަހެއްގައި އަޅުގަނޑުމެން ޢަޒުމް ކަނޑައަޅައި ޢިބްރަތް ލިބިގަންނަންވީ މުހިއްމު ފިލާވަޅުތަކެއް އެބަހުރި ކަމަށާއި އެއީ ޤައުމުދެކެ ލޯބިވުމަށާއި ޤައުމު އިސްކުުރުމުގެ އިތުރުން ކާބަފައިންގެ ފަރާތުން ވާރުތަވި އެންމެހާ ރިވެތި އަޚްލާޤީ ސިފަތައް ދެމެހެއްޓުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތު ބިނާވެފައި ވަނީ ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުމުގެ މައްޗަށްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އިންސާނީ ބިނާކުރުމުގައި ޤައުމު ދެކެ ލޯބިވުމުގެ ފުން އިޙްސާސާ ގުޅިފައިވާ ސިކުނޑިތަކެއް ބިނާކުރެއްވުމަށްޓަކައި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢު ފަށްޓަވާ އެމަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އަންނަ ހޮނިހިރު ދުވަހުގެރޭ އިފްތިތާޙު ކުރުމަށް ތައްޔާރުވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
”ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ވިޝަން 2040 ވަނަ އަހަރަކީ ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ކުރެވޭ ޢުމްރާނީ އަދި އިސްތިރާޖީ މަސައްކަތްތަކާ އެކުއެކީގައި މިފަދަ އިންސާނީ ބިނާ ކުރުމުގެ މަސައްކަތްތަކުގެ ސަބަބުން ވަށާޖެހޭ ތަރައްޤީ ގެނައުމަށް މަގުފަހި ވެގެންދާނެ“ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވިއެވެ.




