”އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު“ގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު ލޯގޯތަކަށް އާންމުންގެ ފަރާތުން އެކަށީގެންވާ ތަރުހީބެއް ނުލިބުމުގެ ސަބަބުން، އެއްވެސް ލޯގޯއެއް ބޭނުން ނުކުރުމަށް ހެރިޓޭޖް މިނިސްޓްރީން ނިންމައިފިއެވެ.
މި މަޝްރޫޢަށް ހުށަހެޅި 22 ލޯގޯގެ ތެރެއިން ފަނޑިޔާރުން ޝޯޓްލިސްޓު ކުރި 10 ލޯގޯއެއްގެ ތެރެއިން، އެންމެ ރަނގަޅު 5 ލޯގޯއަކަށް ވޯޓުލުމުގެ ފުރުސަތު ޕީއެސްއެމްގެ އެއަރ އެޕްލިކޭޝަން މެދުވެރިކޮށް މި މަހުގެ 8 އިން 11އަށް ވަނީ ހުޅުވާލާފައެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރު ވޯޓުލީ މީހުންގެ އަދަދު މަދުކަން އެ މިނިސްޓްރީން ފާހަގަކުރިއެވެ.
ލޯގޯ ބޭނުން ނުކުރަން ނިންމީ ފަނޑިޔާރުންގެ ލަފާގެ މަތިން ކަމަށާއި އެހެންނަމަވެސް ލޯގޯތައް ފަރުމާކުރި ފަރާތްތަކުގެ އަގު ވަޒަންކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފަނޑިޔާރުންގެ ޕެނަލްގައި ހިމެނޭ އަހުމަދު އަޒްމީ ހަލީމް ވިދާޅުވީ، ގައުމީ ފެންވަރުގެ މިފަދަ ކެމްޕޭނަކަށް ބަލާއިރު ލިބުނު ލޯގޯތައް މަދު ކަމަށާއި، އަދި ބޭނުންވާ ފެންވަރުގެ ލޯގޯއެއް އޭގެ ތެރޭގައި ނެތް ކަމަށެވެ. އާންމުންގެ ފަރާތުން ލިބުނު ހިޔާލުތަކަށް ބަލާއިރު ވެސް އެކަށީގެންވާ ލޯގޯއެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.




