ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހީގެ އެއް ކޭސް ރިޕޯޓްކޮށްފައިވާ ކަމަށާއި، މި އަހަރު މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު 291 އަށް އަރާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، ވޭތުވެދިޔަ ހަފްތާ ތެރޭގައި ފެނުނު އެ ބަލީގެ ޕޮޒިޓިވް ކޭސްއަކާ ގުޅިގެން، މި އަހަރު ހިމަބިހި ޖެހިފައިވާ ފަރާތްތަކުގެ ޖުމްލަ އަދަދު 291 އަށް ވަނީ އަރައިފައެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި މިހާތަނަށް ޖުމްލަ 17،524 ފަރާތަކަށް ހިމަބިހީގެ ވެކްސިން ވަނީ ދީފައެވެ.
ހިމަބިހީގެ ދެ ޑޯޒް ފުރިހަމަނުވާ މީހުންނާއި ބަލިޖެހިފައިވާ މީހަކާ ދިމާވި ފަރާތްތަކުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން މާލެ ސަރަހައްދުގެ ދަމަނަވެށި، ހުޅުމާލޭ ހޮސްޕިޓަލް، ސެނެހިޔާ އަދި ވިލިމާލެ ހޮސްޕިޓަލުގެ އިތުރުން އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ގަޑިތަކުގައި ވެކްސިންގެ ހިދުމަތް ލިބޭނެއެވެ.


