ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބަށް އެމެރިކާގެ ނިއުޔޯކަށް ނިސްބަތްވާ ”ގްލޯބަލް ރިކޮގްނިޝަން އެވޯޑްސް“ އިން ދޭ ”2026 ގްލޯބަލް ރިކޮގްނިޝަން އެވޯޑް ފޮރ ލީޑަރޝިޕް އިން ޕަބްލިކް އޮފީސް އެންޑް ކޮމާސް“ ލިބިވަޑައިގެންފިއެވެ.
މި އެވޯޑާ ގުޅޭ ޚަބަރު ބައިނަލްއަޤްވާމީ މަޝްހޫރު ވިޔަފާރި މަޖައްލާ ބިޒްނަސް އިންސައިޑަރގައި ވަނީ ޝާއިޢުކޮށްފައެވެ.
އަދީބަށް މި އެވޯޑު އަރުވާފައިވަނީ ސަރުކާރުގެ އިސް މަޤާމުތަކުގައި ހުންނަވައިގެން ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިޞާދީ ސިޔާސަތުތައް އެކަށައެޅުމުގައާއި، މާލެ-ހުޅުލެ ބްރިޖު ފަދަ އުމްރާނީ ބޮޑެތި މަޝްރޫޢުތަކުގެ އެއްބަސްވުންތައް އެކުލަވައިލުމުގައި އަދާކުރެއްވި ދައުރު ވަޒަންކުރުމުގެ ގޮތުންނެވެ. އަދި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އޭނާ ދެއްކެވި ލީޑަރޝިޕާއި ސްޓްރެޓީޖިކް ވިސްނުމަށްވެސް މި އެވޯޑުގައި ވަނީ ރިޢާޔަތްކޮށްފައެވެ.
ކުރިން އެމްއެންސީސީއައިގެ ރައީސްކަންވެސް ކުރެއްވި އަދީބު މިހާރު ދިރިއުޅުއްވަނީ ދުބާއީގައެވެ. އަދި މިހާރު އޭނާ ޙަރަކާތްތެރިވަނީ ބައިނަލްއަޤްވާމީ ވިޔަފާރިއާއި، އިންވެސްޓްމަންޓް އެޑްވައިޒަރީ އަދި ހޮސްޕިޓާލިޓީ ތަރައްޤީކުރުމުގެ ދާއިރާގައެވެ.




