ކުދި ޖަޒީރާ ގައުމުތަކަށް މާލީ އެހީ ފޯރުކޮށްދިނުމުގައި ހަމައެކަނި އާމްދަނީއަށް ބެލުމުގެ ބަދަލުގައި، އެ ގައުމުތަކަށް މޫސުމީ ނުރައްކާ އޮތް މިންވަރު ވެސް ވަޒަންކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކޮޕް31ގެ ހަވާސާގައި ބޭއްވި މަތީ ފަންތީގެ ވަށްމޭޒު ބައްދަލުވުމެއްގައި ތަގުރީރުކުރައްވަމުން ރައީސް ވިދާޅުވީ، ކުދި ޖަޒީރާ ގައުމުތަކަށް ތަރައްގީއާއި މޫސުމީ ވިލުންތެރިކަމަކީ ވަކިނުކުރެވޭނެ ދެ ކަންތައް ކަމަށެވެ. އަދި، ޖަޒީރާ ގައުމުތަކަށް ކުރިމަތިވަމުންދާ ނާޒުކު ހާލަތްތަކުން އަރައިގަތުމަށްޓަކައި މޫސުމީ މާލީ އެހީތެރިކަން ފަސޭހައިން، ލުއިގޮތެއްގައި ލިބޭނެ އިންތިޒާމެއް ހަމަޖެހުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަކީ އެންމެން ދަންނަ ބޮޑު ހަގީގަތެއްކަން ފާހަގަކުރައްވައި ރައީސް މުޢިއްޒު ވަނީ، ދިވެހިރާއްޖެއިން ވެސް އެކަމާ ގުޅުންހުރި އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
”ދިވެހިރާއްޖެއިން އެތައް އަހަރެއް ވަންދެން މާލީ އެހީތެރިކަން ހޯދޭނެ ފަދަ މަޝްރޫޢުތައް އެކުލަވައިލައި ތަރައްގީގެ ޕްލޭންތަކުގައި މޫސުމީ ވިލުންތެރިކަން ހިމެނުމަށާއި، ބައިނަލްއަގްވާމީ ފެންވަރުގައި ވަކާލާތުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ދުނިޔޭގެ މާލީ ނިޒާމުގައި ހުރި އުނިކަންތަކުގެ ސަބަބުން ރައްޔިތުންނާއި ރަށްތައް ހިމާޔަތްކުރުމަށް ރާއްޖެ ފަދަ ގައުމުތަކަށް ބޮޑެތި ދަރަނިތައް ނަގަން މަޖުބޫރުވޭ.“ ރައީސް ވިދާޅުވިއެވެ.



