ޔޫއޭއީގެ ފުޖައިރާގައި 18 ކާރާއި 5 ޓްރަކް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 14 މީހުން މަރުވެ، 30 މީހުން ޒަޚަމްވެއްޖެއެވެ.
ޔޫއޭއީގެ ދާޚިލީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، ފުޖައިރާއަށް ވަންނަން އޮންނަ މައި މަގު ކަމަށްވާ ޝެއިޚް ޚަލީފާ ބިން ޒާއިދު މަގުގައެވެ.
ފުޖައިރާ ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން ދިމާވީ ރައްކާތެރިކަމަށް ބެލުމެއްނެތި ކުއްލިއަކަށް ލޭން ބަދަލުކޮށް މައި މަގަށް އުޅަނދެއް ވެއްދުމުންނެވެ. އޭގެ ސަބަބުން ފަހަތުން ބާރު ސްޕީޑުގައި ދުއްވާފައި އައި ގިނަ އުޅަނދުތަކެއް ކޮންޓްރޯލްނުވެ، އެކަތި އަނެކައްޗާ ޖެހި ބޮޑު އެކްސިޑެންޓަކަށް ބަދަލުވީއެވެ. މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ ތެރޭގައި އިންޑިއާގެ ރައްޔިތުން ހިމެނޭކަން ދުބާއީގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓުން މިހާރު ވަނީ ޔަގީންކޮށްދީފައެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންނާއި، އެމްބިއުލާންސް އަދި މަދަނީ ރައްކާތެރިކަމާ ބެހޭ ކުއްލި ޓީމުތަކުން ވަގުތުން ހަރަކާތްތެރިވެ އަނިޔާވި މީހުން ވަނީ ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ. މީގެއިތުރުން، ބަންދުވި މަގު ސާފުކޮށް އަލުން ދަތުރުފަތުރަށް ވަނީ ހުޅުވާލާފައެވެ.
މި ހާދިސާއާ ގުޅިގެން އިތުރު ތަހުގީގުތައް ކުރިއަށްދާއިރު، ސައްހަ ނޫން މައުލޫމާތާއި އަޑުތައް ނުފެތުރުމަށާއި ހަމައެކަނި ރަސްމީ އިދާރާތަކުން ދޫކުރާ ޚަބަރުތަކަށް ބަރޯސާވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.


