1448 ވަނަ އަހަރުގެ ޙައްޖުގެ ޚިދުމަތްތަކާއި ގުޅޭ އެއްބަސްވުމެއްގައި ދިވެހިރައްޖެއާއި ސައުދީއަރަބިއްޔާއާ ދެމެދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސަޢުދީޢަރަބިއްޔާގައި ކުރިއަށްދިޔަ 6 ވަނަ ޙައްޖު ކޮންފަރެންސްގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ނައިބު އުސާމް މުޙައްމަދު ސައީދުއެވެ. އަދި ސަޢުދީޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ހައްޖާއި އުމްރާއާ ބެހޭ ވަޒީރުގެ ނައިބު އަބްދުލް ފައްތާޙް މަޝާތްއެވެ. މި އެއްބަސްވުމަކީ ޙައްޖުގެ އަޅުކަމަށް ދާ ހުރިހާ ޤައުމަކުންވެސް ކޮންމެ އަހަރަކުވެސް ސޮއިކުރާ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި ޙައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުސޫލުތައް ހިމެނެއެވެ. އެގޮތުން ޙައްޖުގެ ޚިދުމަތަށް ފައިސާދައްކާނެ ގޮތާއި، ދިވެހިރާއްޖެއިން ޙައްޖުގެ ޚިދުމަތްދޭ ކުންފުނިން ޚިދުމަތް ދޭންޖެހޭނެ ގޮތާއި ދިވެހި ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ޙައްޖު މޫސުމުގައި ރާއްޖޭގެ ޙައްޖު މިޝަން ޤާއިމު ކުރުންފަދަ މުހިންމު ކަންކަން ހިމެނެއެވެ.
ކޮންމެ އަހަރަކުވެސް ޙައްޖު މަހާ ދިމާކޮށް މިއެއްބަސްވުމުގައި ރާއްޖެއާއި ސައުދީއާ ދެމެދު ސޮއިކުރެއެވެ. މިއީ ރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ސޮއިކުރެވޭ އެއްބަސްވުމެކެވެ.




